ފ.މަގޫދޫގެ ތަރައްްޤީއަށް ފަށައިފައިވާ މަސައްކަތްތަކަކީ ހުއްޓައިނުލައި ކުރިއަށްގެންދާނެ ކަންކަން ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ފ.އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގައި އެއަތޮޅު މަގޫދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
އަދި އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަން ފާހަގަކުރައްވައި މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫޢުވެސް އަދި ތަރައްޤީގެ އެހެން މަޝްރޫއެއްވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ހަމަމިއާއި އެކު އެކަންކަމުގެ އިތުރުންވެސް ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ހިންގަވައިދެއްވާނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.






