ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ މުއްދަތު އިތުރުކޮށްދީފިއެވެ.
މި ގޯތި ތަކަކީ މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވާ ގޯތިތަކެކެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ މި ގޯތިތަކުގެ އަދަދަށް އެ ފަޅުން ބިން ނުނެގުމުން އެ ފަޅުން ގޯތި ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ގުޅީފަޅުން ގޯތިދޭން މި ސަރުކާރުން ވަނީ ނިންމައިފައެވެ.
އެގޮތުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވަނީ 1،250 އަކަފޫޓުގެ 193 ގޯއްޗާއި، 2.050 އަކަފޫޓުގެ 487 ގޯއްޗާއި، 2،450 އަކަފޫޓުގެ 4 ގޯތީގެ އިތުރުން 1،650 އަކަފޫޓުގެ 663 ގޯއްޗެވެ.
ހައުސިންގް މިނިސްޓްރީއިން އިއްޔެ ކޮށްފައިވާ އިޢްލާނެއްގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް އެ މިނިސްޓްރީން ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާތީ މި މުއްދަތު 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 23:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، ގުޅީފަޅަށް ބަދަލުވާން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މިގޮތުން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ހުށަހަޅާއިރު ގޯތި ލިބިފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިޤްރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުކަންދިނުމަށް އެދިފައިވެއެވެ.






