ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ލިފްޓް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހިޔާޓަވަރު 2 ގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މަޝްރޫޢު ނިމޭއިރު ޖުމުލަ 32 ލިފްޓް ހިޔާ ޓަވަރުތަކުގައި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު ޕެސެންޖަރ ލިފްޓަކާއި، ސްޓްރެޗަރ ލިފްޓެކެވެ.
ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޝެންޔަންގް ޔުއާންޑާއިންޓެލެކްޗުއަލް ގުރޫޕް އާއެވެ. އަދި 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ކަނޑައެޅިފައެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށް ދިނުމަކީ ރައީސް ޑރ މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކުރިން ވެވަޑައިގެންނެވި ވަޢުދެކެވެ.






