Close

ސިފައިންގެ ހަތްދިހަ ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި!

ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ހަތްދިހަ ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވައިފައިވަނީ އިއްޔެ ހަވީރު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މަޢުމޫންއެވެ. ރަސްމިއްޔާތުގައި، ޝަރަފުވެރި މެހެމާން، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މަޢުމޫން ވަނީ ލަޝްކަރު ބަލާފާސް ކޮށްދެއްވުމަށްފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ، ޕްރައިވެޓް ހަމްނާ ރަޝީދެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް އިޝްޙާޤް ޝަރީފް ހާސިލުކޮށްފައިވާއިރު، ހަށިހެޔޮކަމުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް އައިހަމް ޢަލީ އެވެ.

އަދި އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް މުޙައްމަދު ރިޝްފާން ހާސިލުކޮށްފައިވާއިރު، މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް ޢުލްވިއްޔާ އަޙްމަދު އެވެ.

މި ކޯހުން 98 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ. އެއީ 89 ފިރިހެން ދަރިވަރުންނާއި 9 އަންހެން ދަރިވަރުންނެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2023 އޮކްޓޫބަރު 28 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް އަޝްރަފެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top