ރާއްޖޭގެ ޝަރުޢީ ދާއިރާގެ ހުރިހާ މުޢައްސަސާއެއް އެއް ވިޔުގަޔަކުން ގުޅުވާލައިފިއެވެ.
އިންޓަގްރޭޓެޑް ކޯޓް މެނޭޖްމަންޓް ސިސްޓަމްގެ ނަމުން ނަން ދެވިފައިވާ މި ސިސްޓަމް އިފްތިތާހު ކޮށްފައިވަނީ މީރުމާ ހޮޓެލްގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުދާނެވެ.
ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އިން ބުނެފައިވަނީ މި އިންޓަގްރޭޓެޑް ކޯޓް މެނޭޖްމަންޓް ސިސްޓަމް، ފަރުމާކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާއި ޔޫއެންޑީޕީގެ އެހީތެރިކަމާއެކުކަމަށެވެ.
މި ސިސްޓަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން، ޑީ.ޖޭ.އޭއިން ބުނީ، މި ސިސްޓަމްގައި ހިމެނޭ ޕަބްލިކް އެކްސެސް ޕޯޓަލްތައް މެދުވެރިކޮށް، އާންމުންނަށް މައްސަލަތަކުގެ އަދާހަަމަ ބަލައި، ކޯޓުތަކުގެ އިޖުރާއަތުތައް ދެނެގަނެވި ދެފުށްފެންނަ ނިޒާމަކުން މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މީގެއިތުރުން ސިސްޓަމް މެދުވެރިކޮށް، ދައުވާ ފޯމު ހުށަހެޅުމާއި، ކޭސް ރަޖިސްޓްރޭޝަނާއި، ކޭސްއަށް ފަނޑިޔާރުން ހަމަޖެއްސުން، ކޭސް ޝެޑިއުލިން އަދި ކޯޓު އަމުރު ތައްޔާރުކޮށް ހުކުމް ކުރުންވެސް ކުރިޔަށް ގެންދެވޭނެކަމަށް ޑީ.ޖޭ.އޭއިން ބުނެފައިވެއެވެ.






