ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސަޢުދީޢަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ، މި ކޮންފަރެންސްގެ ތެރެއިން ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
އަދި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ލީޑަރުންނާއި ޚާރިޖީ ވަޒީރުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ވިޔަފާރިތައް ތަމްސީލްކުރައްވާ ފަރާތްތަކާއިވެސް ޚާރިޖީ ވަޒީރު ބައްދަލުކުރައްވާ، މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ބުނެފައިވެއެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓް އަކީ ސައުދީ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.
މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުން، އެކި ދާއިރާތައް ތަމްސީލްކުރާ 700 އެއްހާ ލީޑަރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާތައް ބާއްވާނެއެވެ.






