Close

ޑިސްކައުންޓް ކަނޑައި ކަރަންޓު ބިލުތައް މިރޭ ފޮނެވޭނެ: ފަހުމީ

ރަމަޟާން މަހުގެ ދުވަސްތަކުގައި ބޭނުން ކުރި ކަރަންޓުގެ ބިލަށް ޑިސްކައުންޓަށް ކަނޑައި ކަރަންޓު ބިލް ތައް މިރޭ ފޮނުވޭނެ ކަމަސް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ފަހުމީ ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ތަންފީޒުކޮށްފައި ކަމަަށެވެ.

“އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުން” ފަހުމީ ވިދާޅުވެފައިވެއެވެ.

ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ވަނީ ހަމަޖެހިފައި ކަމަށެެވެ.

އަދި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައްޔާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް ފަހުމީ ވިދާޅުވެފައިވެއެވެ.

ރަމަޟާން މަސް ނިމުމުން އައި ކަރަންޓު ބިލްތައް ބޮޑުވެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާތައް ހިއްސާކޮށްފައިވެއެވެ. މި ޝަކުވާތަކާއި އެކު މިމައްސަލަ ހައްލުކުރުމަށް ރައީސް ޑރ މުއިއްޒު ވަނީ ކަމާއި ބެހޭ އިދާރާތަކަށް އަންގައިފައިވެއެވެ.

އެއާއި އެކު އެމައްސަލަ އަށް ހައްލު ގެނެސްދެއްވާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

 

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top