ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަ ކަމާއި އެކު ރައީސް ޑރ މުޙައްމަދު މުޢިއްޒުއަށް ސުވާލު ދެންނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމަވައިފައިވާ ކަމަށް ސަރުކާރުން ހާކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރައްވައިފައިވަނީ ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހީނާ ވިދާޅުވީ ޢާންމު ރައްޔިތުން ރައީސާ ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް ދިނުމުގެ ގޮތުން, ވީޑިޔޯ މެދުވެރިކޮށް ރައީސް އާއި ކުރަން ބޭނުންވާ ސުވާލުތައް ރައީސް އޮފީހަށް ފޮނުވޭނެ ޚާއްސަ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންގެންދަވާ ކަމަށެވެ.
ހީނާ ވިދާޅުވީ މިހާރު ގެނެސްދޭ ރައީސްގެ ސުވާލާ ޖަބާވު މިހާރު ކުރިއަށްދަނީ މަގުމައްޗަށް ނުކުމެ ސުވާލުކުރައްވަން ބޭނުންފުޅުވާ ރައްޔިތުންނަށް އެފުރުސަތު ދީގެން ނުވަތަ ރަށްރަށަށް ކުރެވޭ ދަތުރުތަކުގައި ދިމާވާ ރައްޔިތުންގެ ތެރެއިން ސުވާލުކުރަން ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު ދީގެން ކަމަށެވެ. ހީނާ ވިދާޅުވީ މިގޮތައް މިކަން ކުރިއަށް ގެންދިޔުމުން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތެއް ނުދެވޭކަމަށެވެ.
މީގެ އިތުރުން މމައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ރައީސް އޮފީހުން ކުރަމުންދާ ބައެއް އިތުރު މަސައްކަތްތައް ހާމަކުރައްވާފަ އެވެ.
އެގޮތުން ކެބިނެޓް ބައްދަލުވުން ތަކުގެ މައުލޫމާތު ނޫސްވެރިންނަށް ފަސޭހައިން ލިބޭ ނިޒާމެއްވެސް ޤާއިމުކޮށް ރައީސް އޮފީހުގެ ވެބްސައިޓާ ލިންކު ކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ބައިވެރިވާ ހުރިހާ ކަމެއްގެ ފޮޓޮއާއި ޚަބަރު އެއްތާކުން ލިބޭ ނިޒާމެއް ވެސް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ހީނާ ވިދާޅުވި އެވެ.






