އެއްވެއުޅުމުގެ ޤާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ހުށައަޅާނެ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށް ދިިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ހީނާ ވިދާޅުވީ، އަންނަ މަޖިލިސް ފެށިގެން ދާއިރު އެއްވެ އުޅުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ޤާނޫނު އަސާސީން ލިބިދޭ ހުދޫދުގެ ތެރެއިން ހުރިހާ ފަރާތްތަކަށްވެސް އެއްވެ އުޅުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުން ކަމަށެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ 2016 ވަނަ އަހަރުއެވެ. އެއާއިއެކު، މާލޭގައި އެއްވެ އުޅުމުގެ ފުރުޞަތު ވަނީ ވަރަށް ބޮޑަށް ހަނި ވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން މި އިސްލާހު މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށް ރައީސްއޮފީހުން ހާމަކުރިއިރު، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޙިލީ ސަލާމާތާއި ފަންނިޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވެސް ވަނީ މާލެ ސަރަހައްދުގައި އެއްވެ އުޅެވޭނެ އިތުރު ތަންތަން ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.






