މިއަހަރުގެ މިހާތަނަށް ޑެންގޫ އާއި ޗިކުންގުންޔާގެ 900 ކޭސް އެއް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ޢާންމުކޮށްފައިވާ ރިޕޯޓް ތަކުން ދައްކާގޮތުން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި މި ފަހަކަށް އައިސް ރާއްޖޭގައި ޑެންގީ އާއި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައިކަން ފާހަގަ ކޮށްލަންޖެހެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މި މެއި މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ޑެންގީގެ 660 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި އަހަރުގެ 14 ވަނަ ހަފްތާއިން ފެށިގެން ޑެންގޫގެ ކޭސްތައް ރިޕޯޓްކުރާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަންވެސް ތަފާސްހިސާބުތަކުން އެނގިގެންދެއެެވެ.
ޑެންގީގެ ކޭސްތައް ރިޕޯޓްކޮށްފައިވާ އަދަދު:
1) ޖެނުއަރީ - 146 ކޭސް
2) ފެބްރުއަރީ - 116 ކޭސް
3) މާރޗް - 119 ކޭސް
4) އޭޕްރީލް - 239 ކޭސް
5) މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް - 40 ކޭސް
ޑެންގީ އާއިއެކު ޗިކުންގުންޔާ ގެ ކޭސްތައް ވެސް ވަނީ އިތުރުވެފައިވެފައެވެ. މިއަހަރުގެ ޖެނުއަރީން ފެށިގެން މެއި 4ގެ ނިޔަލަށް 240 ކޭސް ރިޕޯޓްކޮށްފައިވެއެވެ. ނިމުނު ހަފްތާގައި އެކަނިވެސް ޗިކުންގުންޏާގެ 117 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
ޗިކުންގުންޔާގެ ކޭސްތައް ރިޕޯޓްކޮށްފައިވާ އަދަދު:
1) މާރޗް – 5 ކޭސް
2) އޭޕްރީލް – 177 ކޭސް
3) މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް – 58 ކޭސް
ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާ ގުޅިގެން މަދިރިން ޖެހޭ ބަލިތައް ފެތުރޭ މިންވަރު އިތުރުވެއެވެ. މި އަހަރުގެ ވިއްސާރަ މޫސުން ދިގުލައިގެން ގޮސްފައިވާތީ، މަދިރި އާލާވުން ކުރިއަށް އޮތް ތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެ އިދާރާއިން އަންނަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.






