ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމުގެ ހުއްދައަށް އެދުމަށް އިސްލާމީ ކަންކަމާއިބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އިސްލާމީ ވުޒާރާއިން ގެޒެޓުގައި ޢާންމުކުރި އިޢުލާނެއްގައި ވަނީ، ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.
އެވުޒާރާއިން ބުނެފައިވާގޮތުން ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ މި މޭ މަހުގެ 16 ވަނަ ދުވަހެވެ.
ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކުރަނީ ހަމައެކަނި ޝަރުތުހަމަވާ ކުންފުނިތަކަށެވެ. އެގޮތުން އެ ކުންފުންޏަކީ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއެކު، އެ ކުންފުންޏަކީ ކުންފުނީގެ މަގުސަދުތަކުތެރޭގައި ޢުމްރާއަށް މީހުން ގެންދިޔުމުގެ ޚިދުމަތް ހިމެނިފައިވާ ކުންފުންޏަކަށް ވާން ޖެހެއެެވެ.
ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް އެވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލުގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު ދެ ފަހަރު، މި ފުރުސަތު ހުޅުވާލަން ޖެހެއެވެ. އެގޮތުން، މިއީ އިސްލާމީ ވުޒާރާއިން މި ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.






