Close

މިއަހަރުގެ ޙައްޖު މޫސުމުގެ ފަހުން ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ!

މިއަހަރުގެ ޙައްޖު މޫސުމުގެ ފަހުން ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވޭނެ ކަމަށް އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިހެން ވިދާޅުވީ އިއްޔެ އެވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅިވިނަމަވެސް ބޭނުންކުރާތާ ގިނަ ދުވަސްވެފައިވާކަމަށެވެ. އަދި މިސްކިތުގެ ފިނިކުރާ ނިޒާމް ބަލަހައްޓަން ޖެހޭ ވަރަށް ބަލަހައްޓާފައި ނެތުމުން މަރާމާތުކުރަން ޖެހިފައިވާކަންވެސް ވަޒީރު ފާހަގަ ކުރެއްވެވިއެވެ.

ސަލްމާން މިސްކިތުގެ ފިނިކުރާ ނިޒާމުގެ މައްސަލަ ހައްލުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށާއި މިކަމަށް ބޭނުންވާ ބަޖެޓް ހޯދުމުގެ ކަންކަން ސަރުކާރުން ކުރަމުންނ އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެއާއިއެކު މައްސަލަ ހައްލުކޮށް، ފިނިކުރާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި ބަޔަކާ ހަވާލުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވެސް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ސަލްމާން މިސްކިތުގެ ފިނިކުރާ ސިސްޓަމް ރަނގަޅުކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ބޭރުގެ ފަރާތްތަކަކާއެކު ކުރެވިފައިވާ ކަމަށާއި، އަދި އެއީ ތުރުކީގެ ބައެއް ކަމަށެވެ. އަދި އެއީ އެތަން ހެދިއިރުވެސް ސިސްޓަމް ބެލެހެއްޓި ފަރާތްކަމުގައި މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މަރާމާތުގެ މަސައްކަތްތަކަށްފަހު ޙައްޖު މަހުގެ ފަހުން ރަސްމީކޮށް ސަލްމާން މިސްކިތް ހުޅުވޭނެ ކަމަށާއި އެކަމަށްޓަކައި ސައުދީއަރަބިއްޔާގެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ގެނައުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

ދާދި ފަހުން ވަޒީރު ޝަހީމް ސައުދީއަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top