ރާއްޖޭގެ މެޑިސިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއެކޭ އެއްގޮތައް ދަރުމަވަންތަ ސްކޫލްގައި ކުރިއަށްގެންދެވޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިނިންމެވުން މިގޮތައް ނިންމަވައި ރައީސް މުޢިއްޒު ވަނީ މިކަން ކަމާއި ބެހޭ ފަރާތްތަކާއި އަންގަވައިފައެވެ.
ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް ދަރުމަވަންތަ ހަސްފަތާލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސްގެ އަރިހަށް 23 އޭޕްރީލް 2024 ގައި ސިޓީ އެއް ވަނީ ފޮނުވައިފައެވެ.
އެ ސިޓީއާއި ގުޅިގެން، ރައީސް މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތީން، 26 އޭޕްރީލް 2024 ގައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރުވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު އެއޮފީހުގައި ބައްދަލުވުމެއް ބާއްވަަވައިފައެވެ.
މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަނީ ދެއްވައިފައެވެ.
ރައީސް އޮފީހުން ބުނެފައިވަނީ، ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ޞިއްޙީ ޚިދުމަތުގެ ޙާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމުދަނީއާ ފުދުންތެރިކަމާ ޙާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސް ވަރަށް އިސްކަން ދެއްވައެވެ.
މިގޮތުން، ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ޚާއްޞަ ތަޢުލީމީ ބިނާއެއް ކުރުމަށް މިހާރުވެސް މަސައްކަތްކުރައްވަމުންދާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހަސްފަތާލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ޞިއްޙީ އައު ޚިދުމަތްތައް މި ދެ ހަސްފަތާލުގައި ތަޢާރަފްކުރެއްވުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ކުރައްވަމުންދާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެ ކުދީންގެ އުނގެނުމުގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދެވޭގޮތަށް ހަމަޖައްސަވައިދެއްވާފައިވާކަން ހާމަކުރެއްވުމަށް، އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސްގެ މި ނިންމެވުމުގެ ސަބަބުން، ކިޔަވާކުދީންގެ ކަންކަމުގައި، ޚާއްޞަކޮށް މަތީ ތަޢުލީމު އުނގެނޭކުދީންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމުގައި ރައީސް ޑރ މުޢިއްޒު ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ޤައުމީ ޔުނިވަރސިޓީއިން ވަނީ ފާހަގަކުރައްވައިފައެވެ.






