މާލޭގެ ރަސްމީ ފާލަން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިމަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިޑިވްސް ޓްރާންސްޕޯޓް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
ޢިއްޒުއްދީން ފާލަން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެ ފާލަން މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއްވެ، ފާލަން ވަރަށް ބޮޑަށް ވީރާނާވެފައިވާތީއެވެ.
އެމަސައްކަތަށްޓަކައި، މިހާރު ހުރި ފާލަން ރޫޅާލުމަށްފަހު އަލުން އެތަން ތަރައްޤީކުރުމަށް ފާލަން ވަނީ މިހާރު ބަންދުކޮށްފައެވެ.
ޢިއްޒުއްދީން ފާލަން ނުވަތަ ރަސްމީ ފާލަމަކީ ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި ޢިއިއްޒަތްތެރިން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުންކުރައްވާ ފާލަމެވެ.
މި މަޝްރޫޢުގެ ދަށުން ކުރީގެ ފާލަން ރޫޅާލުމަށް ފަހު، އައު ފާލަމުގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާކުރުމުގެ އިތުރުން ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ކުރަން ނިންމާފައިވައިރު، މި ބޮޑު މަޝްރޫޢަށް ގާތްގަނޑަކަށް 11.7 މިލިއަން ރުފިޔާއަށް ޚަރަދުވާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.
ޢިއްޒުއްދީން ފާލަން މަރާމާތުކޮށް ނިންމަން އެމްޓީސީސީއަށް ދީފައިވަނީ 270 ދުވަހެވެ.
ފާލަން އަލަށް ތަރައްޤީކުރުމުން، އެ ފާލަން ދިވެހި ސަޤާފަތް ރަމްޒުކޮށްދޭ އަދި، ފެންވަރު ރަނގަޅު ގިނަ ދުވަހު ބޭނުންކުރެވޭނެ ފާލަމަކަށްވާނެކަމަށް އެމްޓިސީސީއިން ބުނެފައިވެއެވެ.
މީގެ ކުރިން ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު ދުވަހުގެ މުނާސަބަތުގައި، ރިޔާ ނެގި ބައްތެއްޔެއްގެ ސިފައަށް ފަރުމާކޮށްފައިވަނީވެސް އެމްޓީސީސީއިންނެވެ.






