މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހިންގި ބޭސިކް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ކޯސް–3" (ލެވެލް 2) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
(އެމްއެންޑީއެފް އިން ހާމަ ކޮށްފައިވާ ގޮތުގައި ސްރީލަންކާގެ އަސްކަރިއްޔާ އާ ގުޅިގެން އެމްއެންޑިއެފުން ހިންގި ބޭސިކް އީއޯޑީ ކޯސް ނިންމާލާ، އިއްޔެ ވަނީ އެމްއެންޑީއެފް ގެ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހެޑްކުއޯޓަރޒްގައި ރަސްމިއްޔާތެއް ބާއްވާފައެވެ.
އެމްއެންޑީއެފް ގެ ސަދަން އޭރިއާ ކޮމާންޑުގައި ކުރިއަށް ގެންދިޔަ މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ މާރޗް މަހުގެ24 އިން ފެށިގެން މެއި މަހުގެ 11 ގެ ނިޔަލަށެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި ކޯހުން 27 ސިފައިން ވަނީ ދަސްވެނިވެފައެވެ.
ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ކޯހުން ދަސްވެނިވި ސިފައިންނަށް އީއޯޑީ ބެޖާއި، ކޯހުގެ ވަނަވަނައަށް އައި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދެވެ.
އަދި ކޯސް ފުރިހަމަކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓަކްޓަރުންނާއި، ކޯހުގެ ކޯސް އޮފިސަރ، ލެފްޓިނެންޓް ޚާތިމް އަޙްމަދެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި ގޮތުގައި، އީއޯޑީ ލެވެލް 2 ކޯހަކީ އެކިކަހަލަ ނުރައްކާތެރި ގެއްލުންހުރި އެއްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ތަމްރީނު ދިނުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.






