އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ)ގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ޝޫޝާ - ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ.
މިމަޝްވަރާތައް ކުރައްވައިފައިވަނީ ވަޒީރު އާދަމް ނަސީރާއި، އިސެސްކޯގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިންނެވެ.
ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފައިވާގޮތުން، ވަޒީރު އަޒަރްބައިޖާނަށް ދަތުރުކުރެއްވި މައިގަނޑު އެއް މަޤްސަދަކީވެސް ހިރިގަލުން ރާނާފައިވާ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމެވެ.
މާލިކާއި އެކު ވަޒީރު އާދަމް ނަސީރު ކުރިއަށްގެންދެވި މަޝްވަރާތަކުގައި މާލިކް ވަނީ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށް ނިންމަވާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެތަންތަން ދިރާސާކުރުމަށްފަހު އެ ލިސްޓުގައި ހިރިގަލުން ރާނާފައިވާ މިސްކިތްތައް ހިމެނުމާއިމެދު ގޮތެއް ނިންމަވާނެކަމަށް ވަޒީރާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މާލިކް ވިދާޅުވިކަންވެސް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ފެހި ސިގްނަލް ވަނީ، ލިބިފައެވެ.
އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މިސްކިތްތަކާއި އާސާރީ އެހެނިހެން ބިނާ ހިމެނުމުގެ ކަންކަން ބަލަހައްޓަނީ އެ ޖަމާޢަތުގެ އެއް ގުނަވަން ކަމަށްވާ އިސްލާމިކް ވޯރލްޑް ހެރިޓޭޖް ކޮމިޓީންނެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު 18އިން 19އަށް، މޮރޮކޯގެ ރަބާޠުގައި ހުންނަ އެޖަމާޢަތުގެ މައި އޮފީހުގައި ކުރިއަށް ގެންދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް 213 އާސާރީ ތަންތަނާއި ތަކެތި އިތުރުކޮށްފައެވެ.
އެއާއެކު އެ ލިސްޓުގައި މިހާރު 634 އާސާރީ ތަންތަނާއި ތަކެތި ވަނީ ހިމެނިގެން ގޮސްފައެވެ. މީގެ ތެރޭގައި ތަރިކައިގެ ދާއިމީ ލިސްޓުގައި އަދި ނުހިމަނާ ބައެއް ތަންތަން ވެސް ހިމެނެއެވެ. މި ލިސްޓަކީ މާއްދީ ތަރިކައާއި މައުނަވީ ތަރިކަ ވެސް ދަފްތަރު ކުރެވޭ ލިސްޓެކެވެ.
ވަޒީރު އާދަމް ނަސީރުގެ މި ދަތުރުފުޅަކީ އަޒަރްބައިޖާނުގެ މިނިސްޓަރ އޮފް ކަލްޗަރ އަދި އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީ ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.






