ދިވެހިން ފަަލަސްޠީނާއި އެކު ތިބި ކަމަށް ވިދާޅުވެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ކުރެއްވެވި ޕޯސްޓާއި ގުޅިގެން ފަލަސްޠީނުގެ ރައްޔިތުން ދިވެހިން ނަށް ޝުކުރުއަދާކޮށްފިއެވެ.
ރަައީސް މުއިއްޒު ކުރައްވައިފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ މިހާރު ޣައްޒާގައި ހާއްސަކޮށް ރަފާހްގައި ފެންނަމުންދާ މަންޒަރުތަކަކީ މާޔޫސްކަމުގެ މަންޒަރުތަކެއް ކަމަށެވެ. އަދި ގެދޮރު ދޫކޮށް ދިއުމާއި މަރުގެ މަންޒަރުތައް ފެންނަމުން ދާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
އިސްރާއީލުގެ ސިފައިންގެ އަތުން ޣައްޒާ ފަނާކުރަމުންދާއިރު ބައިނަލްއަގްވާމީ މުޖުތަމަޢު ހިމޭނުން އޮވެގެން ނުވާނެ ކަމަށާއި އަދި ރާއްޖެއިން ހިމޭނުން ނޯންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާވެރި ހަމަލާތައް އެއްފަހަރުން ހުއްޓުވައި އެބައިމީހުން ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ބައިނަލް އަޤްވާމީ އިންސާފު ޤާއިމްކުރާ ކޯޓުތަކުން މިހާރުން މިހާރަށް ފިޔަވަޅުތައް އަޅައި އިޒްރާއިލްގެ އަނިޔާވެރި ޢަމަލުތައް ހުއްޓުވަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދާދިފަހުން ރަފާއަށް ދިން ހަމަލާތަކާއި ގުޅިގެން ދެކުނު އެފްރިކާއިން އިތުރު ފިޔަވަޅުތަކެއް އަޅަން އެދުނު އެދުމަށް ދިވެހިރާއްޖެ އިން ފުރިހަމައަށް ތާއީދުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފަލަސްޠީނު މިނިވަން މުސްތަޤިއްލު ޤައުމަކަށް ވުމަށް ކުރަމުންދާ މަސައްކަތަށް ރާއްޖެ އަބަދުވެސް ތާއީދު ކުރާނެ ކަމަށާއި އަބަދުވެސް ދިވެހިން ފަލަސްޠީނާއި އެކު ތިބޭނެ ކަމަށް ރައީސް ގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒުގެ މިޕޯސްޓާއި ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންވަނީ ޝުކުރުއަދާކޮށްފައެވެ.
ފަލަސްޠީނުގެ މައްސަލައާއި ގުޅިގެން ރައީސް ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ. އެ ބަޔާނުގައި އެމަނިކުފާނު ވަނީ ރަފަހަ ވަށާލާ އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ އިޒްރޭލް ހުއްޓުވަން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގޮވާލައްވާ ފައެވެ.
މިއީ އިޒްރޭލް ހުއްޓުވަން ވީ ވަގުތު ކަމަށާ އިޒްރޭލްގެ އަނިޔާވެރި ކަމާއި ޖަރީމާތަކަށް މުޅި ދުނިޔެ ލޯ މަރާލައިގެން ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންގެ ހައްގުގައި އުފުލަމުންދާ އަޑު ގަދަވެ ބައިބޯ ވަމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ކުރެވޭ ވަކާލާތު ގައި ރާއްޖެ ފުރިހަމައަށް ބައިވެރިވާނެ ކަމަށެވެ.






