Close

ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ނިންމުމަށް ސަޢުދީ ފަންޑުން ލޯނެއް ދީފި!

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލްގެ މަސައްކަތް ނިންމުމަށް ސަޢުދީ ފަންޑުން 100މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދީފިއެވެ.

މި ލޯނު ދިނުމުގެ އެއްބަސްވުމުގައި އިއްޔެ ދިވެހި ސަރުކާރާއި ސަޢުދީ ފަންޑުގެ މެދުގައިވަނީ ސޮއިކޮށްފައެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ.މުޙައްމަދު ޝަފީގެވެ.

އަދި ސަޢުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުންދާ ސައުދީ ފަންޑުގެ އެންމެ އިސްވެރިޔާ ސުލްޠާން ޢަބްދުއްރަޙްމާން އަލްމުރްޝަދެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީން ހަމަޖައްސައިދިން 100 މިލިއަން ޑޮލަރުގެ ލޯނާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫޢުގެ ދުވެލި އަވަސްވާނެ ކަމަށެވެ. އަދި އެ މަޝްރޫޢު ނިމުމުން ރާއްޖޭގެ އިޤުތިޞާދަށް ގިނަގުނަ ފައިދާތައް ލިބޭނެކަމަަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން އެއާޕޯޓު މަޝްރޫޢު ނިމުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިތުރު އެއާލައިންތަކަށް ޖާގަ ލިބި ވިޔަފާރިއާއި ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި ސިނާއަތްތައް އިތުރަށް ކުރިއަރާނެ މަގުތައް ފަހިވާނެކަންވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެއާޕޯޓް ތަރައްޤީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.

ސަޢުދީ ފަންޑުގެ ސީއީއޯ މަރުޝަދު ވިދާޅުގޮތުގައި ސަޢުދީގެ އެހީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ ހަތް މިލިއަން ފަސިންޖަރުންތައް އިތުރު ކުރެވޭނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ފުޅާކުރުމުގެ މަޝްރޫޢަކީ މި ސަރުކާރުން އެންމެ އިސްކަންދީގެން އަވަހަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަ އެއް މަޝްރޫޢެވެ. މި އަހަރުގެ ތިންވަނަ ކުއާޓާ ނިމޭ ހިސާބަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top