ތިން މީހުންނާއި އެކުގައި ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން ހޯދުމަށް މޯލްޑިވިއަންގެ ފްލައިޓެއް މަސައްކަތް ފަށައިފިއެވެ.
މިދޯންޏަކީ ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު “އޭއޭއޭތްރީސެވަން” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.
މިކަމާއި ގުޅިގެން އެންމެ ފަހުން އެމްއެންޑީއެފުން ބުނެފައިވަނީ ދޯނި ހޯދުމުގެ މަސައްކަތުގައި، މޯލްޑިވިއަން ފުލައިޓެއްގެ އެހީގައި ވައިގެމަގުން ބަލަން ފަށާފައިވާ ކަމަށާއި މިހާތަނަށް ބެލިބެލުމުން އަދި އެ ދޯނި ފެނިފައި ނުވާ ކަމަށެވެ.
އެ ދޯނިން ހަތަރު މީހުން ދަތުރުކުރި ކަމަށް ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މޭ 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ތިން މީހުންނާއި އެކު ފުރި މި ދޯނީގެ ހަބަރެއްނުވުމާއި ގުޅިގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އެ ދުވަހުގެ 17:20 ހާއިރު ކަމަށެވެ.
އެއާއިއެކު އެމްއެންޑީއެފުން ވަނީ އެ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
މޫސުމަށް ބޮޑެތި ބަދަލުތަކެއް އައިސް ކަނޑުތައް ގަދަވެ ގަދަވަޔާއި ވާރެއާއި އެކު މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.






