ޢިމާރާތް ކުރާ ތަންތަނުގައި ހުރި މަދިރި އުފެދޭފަދަ ތަންތަން ނައްތާލުމަށް ޢިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އެވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި މޫސުމަކީ ރާއްޖޭގައި އަބަދުވެސް މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވަމުންދާ ދުވަސްވަރަކަށްވާތީ އާއި ޢިމާރާތްކުރާ ސައިޓް ތަކަކީ، މަދިރި އާލާވާފަދައިން ފެން ހަރުލާފައި ހުންނަތަންތަނަށް ވާތީ މި ތަންތަން ސާފުކޮށް، މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ ވަރަށް މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް މުހިންމު ކަމެއް ކަމަށެވެ.
އެހެންކަމުން، ޢިމާރާތްކުރާ ސައިޓްތަކުގައި، މަދިރި އާލާވާނެހެން ހުންނަ ތަންތަން ސާފުކޮށް އަދި މަދިރ އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އަހަންމިޔަތުކަން ދިނުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރު ރާއްޖޭގައި މަދިރިން ޖެހޭ ބަލިތައް ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ.
މިގޮތުން މަދިރީގެ ޒަރީއާއިން ޖެހޭ ޑެންގީ އާއި ޗިކުންގުންޔާ އާއި ގުޅޭ 900 ކޭސް އަހަރުގެ މިހާތަނަށް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ ތެރެއިން ވެސް އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
މި ފަހަކަށް އައިސް ރާއްޖޭގައި ޑެންގީ އާއި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.






