ރައީސް ޑރ މުޙައްމަދު މުއިއްޒު މާދަމާ ބާބިއުޑާއަސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ އެންޓިގުއާ އަދި ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ރައީސް ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހީނާ ވަލީދު ވިދާޅުވީ، މިމަހުގެ 27 އިން 30އަށް ކުރިއަށްދާ ސިޑްސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 7 ސްޓޭޓްމެންޓެއް ދެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މީގެ އިތުރުން، ރައީސް އަށް ވަގުތު ލިބިވަޑައިގަންނަވާގޮތަކުން ރާއްޖެއާއި ބައިލެޓްރަލް ގުޅުންތަކާއި މަލްޓިލެޓްރަލް ގުޅުންތައް ހަރުދަނާ ކުރުމަށް އެކިއެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވުމަށް ވަނީ ހަމަޖެހުފައި ކަމަށެވެ.
އަދި މި ކޮންފަރެމްސްގައި ރާއްޖެއިން ތިން ސައިޑް އިވެންޓެއް އޯގަނައިޒްކޮށް ކުރިއަށް ގެންދިޔުމަށްވެސް މިވަގުތު ވަނީ ހަމަޖެހިފައި ވާކަމަށާއި މައިގަނޑު ގޮތެއްގައި މި ކޮންފަރެންސްގައި ދިވެހިރާއްޖެއަށް ތަރައްގީ ގެނައުމުގައި ހުރި ގޮންޖެހުންތަކާ، އެކަންކަން ހިއްސާ ކުރައްވައި، އެކަން ކަމުން އަރައިގަތުމަށް އެހީތެރިކަން ބޭނުންވާނެ ގޮތްތައް ރައީސް ހިއްސާ ކުރައްވަމުންގެންދާވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ސިޑްސް ކޮންފަރެންސްގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގައި ހަވާސާގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ސިޑްސް ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އިތުރުން ޚަރިޖީ ވަޒީރު މޫސާ ޒަމީރާއި، މޫސމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ކްލައިމެޓް އެންވޯއީ ޢަލީ ޝަރީފާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދާއި އެމްބެސެޑަރ އެޓް ލާޖު ޑރ. ޢަލީ ނަޞީރު މުޙައްމަދުވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ހީނާ ވިދާޅުވިއެވެ.






