Close

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ޗައިނާ އާއި އެކު މަޝްވަރާކޮށްފި!

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމާއި ގުޅޭ މަޝްވަރާތަކެއް ރާއްޖެ އާއި ޗައިނާއާއި ދެމެދު ކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަ ކުރެއްވި ގޮތުގައި އެވުޒާރާގެ ވަޒީރު ޝިޔާމާއި ވުޒާރާގެ އިސް އޮފިޝަލުން، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިކްސިން އާއި ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޑިޕާޓްމަންޓް އޮފް އޯޝަން އެންޑް ފިޝަރީޒް ރިސޯސަސްގެ އިސް އޮފިޝަލުންނާއެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވާކަމަށެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ވުޒާރާގެ ހުނަރާއި ޢިލްމު އިތުރުކުރުމަށްޓަކައި ކެޕޭސިޓީ ބިލްޑިންގ، މެރިކަލްޗަރ، އަދި އެކްސްޕްލޮރޭޓަރީ ފިޝިންގ އަށް އެއްބާރުލުން ދިނުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގައި މަސް ބަންދުކުރުމުގެ ސިނާޢަތުގައި ބަދަލުކުރުމަށް ސަރުކާރުން އިސްކަންދޭ ކަންކަން ވަޒީރު ވަނީ ފާހަގަކުރައްވައި ޗައިނާގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ އިސް އޮފިޝަލުން ބައިވެރިވެލެއްވި އިރު، ފުޖިއަން ޕްރޮވިންސަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ އެއް ސަރަހައްދުކަން ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top