ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާތަކުގެ މެދުގައި ބޭއްވުނު ކޮންފަރެންސް އަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހީނާ މި ނޫސްކޮންފަރެންސްގައި ދެއްކެވި ވާހަކަގައި އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދިވެހިރައްޔިތުންނަށް މުހިންމު އެކިއެކި ކަންކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަކާލާތު ކުރެއްވިކަން ފާހަގަކުރެއްވިއެވެ.
މިގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ކޮންފަރެންސްގައި ރައީސް މުޢިއްޒު ވަކާލާތުކުރައްވާފައިވާކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި ބައްދަލުކުރެއްވި ބައެއް ޤައުމުތަކުގެ އިސްވެރިންނާއި ލީޑަރުންނާއެކު ކުރެއްވި މަޝްވަރާތަކަށްވެސް މި ޕްރެސް ކޮންފަރެންސްގައި ހީނާ އަލިއަޅުވާލެއްވިއެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައިފައިވެއެވެ.






