ސިޚުރު އުނގެނުމަކީ ކާފިރުވާނެ ޢަމަލެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
“ސިޚުރުގެ ނުބައިކަން” މި މަޢުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައް ވާކަމަށެވެ.
އޭގެ ތެރެއިން އެއްކަމަކީ ސިޙުރު ކަމަށާއި ސިޙުރުގެ ސަބަބުން ޢާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ޙަޔާތް ބަރުބާދުވެގެން ދާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ސިޚުރުގެ ސަބަބުން ރަޙްމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން އުފެދޭ ކަމަށާއި ދަރިވަރުންގެ ތަޢުލީމަށް ހުރަސްއެޅޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޞިއްޙަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި، ވޭން ތަޙައްމަލުކުރަން ޖެހޭ ކަމަށާއި އެފަދަ ޢަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
މިނުބައި ފާސިދު ޢަމަލު މިއަދު ވަނީ މުޅި މުޖުތަމަޢަށް ޢާންމުވެފައި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
“މި ސުންޕާ ޢަމަލުގެ ސަބަބުން، ބަރުބާދުވެގެން ދަނީ ކިތައް ޒުވާނުންގެ ޙަޔާތް ހެއްޔެވެ؟ ވިއްސިވިހާލި ވެގެން ދަނީ ކިތައް ޒުވާނުންގެ އުއްމީދުތައް ހެއްޔެވެ؟ ބަލިވެ، ދުނިޔެ ދޫކުރަމުންދަނީ ކިތައް އަޚުންނާއި އުޚުތުން ހެއްޔެވެ؟ ޢަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި ޢުމުރަށް ވަކިވެ ދަނީ ކިތައް ޢާއިލާ ހެއްޔެވެ؟ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން މޮޔަވަނީ ކިތައް މީހުން ހެއްޔެވެ؟ މި ކަންކަން މި ހިނގަނީ، ބޮޑުފާފައެއް ކަމުގައިވާ ސިޙުރުގެ ސަބަބުން” ހުކުރު ޚުތުބާ
ސިޙުރަކީ ޙަޤީޤަތެއް ކަމަށާއި، އޭގެ އެއްބާވަތަކީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން ސިޙުރުގެ އަނެއް ބާވަތަކީ، ކެހިވެރިކަމުގެ ދައްކާލުމެއް ނޫން ކަމަށާއި، އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެވެ. މި ބާވަތުގެ ސިޙުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިޙުރާއި، ބަލިކޮށްލާ ސިޙުރާއި، މަރާލާ ސިޙުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިޙުރު ހިމެނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޖެހިވަޑައިގަތީ، މިބާވަތުގެ ސިޙުރެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނެފައިވަނީ لَبِيْدُ بْنُ الْأَعْصَم ނަމަކަށް ކިޔާ ޔަހޫދީއަކު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ސިޙުރު ހެދީ، އެކަލޭގެފާނުގެ އިސްތަށިފުޅުން މިންވަރެއް ހޯދައިގެން ކަމަށާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް سُوْرَةُ الْفَلَقِ އާއި سُوْرَةُ النَّاسِ ބާވައިލެއްވީ މި ޙާދިޘާއާ ގުޅިގެން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
“ސިޙުރަކީ، ޙަޤީޤަތެއްކަން، ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވޭ، ކީރިތި ޤުރުއާނުގެ އާޔަތެއްގައި އައިސްފައިވަނީ ސިޚުރު ދަސްކޮށްގެން كَافِرُ ނުވާށޭ ކަމަށާއި އެބަސްފުޅުން އެނގެނީް ސިޙުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަމޭ، އެހެންކަމުން މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲގެ މަގަށް އެނބުރި ރުޖޫޢަވުމަށް ނަސޭހަތްތެރިވަން” ޚުތުބާގައި ބުނެފައިވެއެވެ.






