Close

ރާއްޖެއިން މިއަހަރު ޙައްޖަށްދާ ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް އިއްޔެ ފުރައިފި!

ރާއްޖެއިން މިއަހަރު ޙައްޖަށްދާ ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް އިއްޔެ ފުރައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، ރާއްޖޭގެ ޙައްޖުވެރީން ސަޢުދީއަށް ފުރާނީ 3 ގުރޫޕަކަށް ބަހާލައިގެންކަމަށެވެ.

އެގޮތުން ފުރަތަމަ ގުރޫޕުގައި 272 ޙައްޖުވެރީން ހިމެނޭއިރު އެމީހުންގެ އެހީތެރިންގެ ގޮތުގައި 26 މީހަކު އިއްޔެ މެންދުރުފަހު 3:25 ގައި ޙައްޖަށް ދިޔުމަށް ވަނީ ފުރައިފައެވެ.

އިއްޔެ ޙައްޖަށް ފުރި ގްރޫޕުގެ ބައިވެރިން އިއްޔެގެ ހުކުރު ނަމާދު ޖަމާޢަތުގައި ކޮށްފައިވަނީ އެއަރޕޯޓުގައެވެ.

ރާއްޖެއިން ޙައްޖާދާ މީހުންގެ ދެވަނަ ގުރޫޕު ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ. އެ ދުވަހު 330 ޙައްޖާޖީން ފުރާއިރު އެހީތެރިންގެ ގޮތުގައި 23 މީހުން ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

އަދި ރާއްޖެއިން ޙައްޖާދާ މީހުންގެ ތިންވަނަ ގުރޫޕު އަންނަ މަހުގެ 7 ވަނަ ދުވަހު ފުރާއިރު، މި ދުވަހު 316 ޙައްޖުވެރީން ފުރާނެ ކަމަށާ މި ގުރޫޕުގެ އެހީތެރިންގެ ގޮތުގައި 23 މީހުން ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި ދެ ގުރޫޕުވެސް ފުރުމަށް ހަމަޖެހިފައިވަނީ ފުރުމަށް ހަމަޖެހިފައިވާ ދުވަހުގެ މެންދުރުފަހު 3:25ގައެވެ. އަދި ހުރިހާ ގުރޫޕެއްވެސް ޙައްޖަށް ފުރަން ހަމަޖެހިފައިވަނީ ސަޢުދީއެއަރގައެވެ. މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖުވެރީންގެ ކޯޓާއެވެ.

ދިވެހި ޙައްޖުވެރިން ފުރުމަށް އެއަޕޯޓަށް ދިއުމަށް ފަސޭހަ އިންތިޒާމުތަކެއް މި އަހަރުވެސް ވަނީ ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

އެގޮތުން ޙައްޖުވެރިން އެއަރޕޯޓަށްދާން ވަކި ޚާއްސަ ބަސްތަކެއް ހަމަޖައްސާފައިވާއިރު ޙައްޖުވެރިންގެ އާއިލާތަކުގެ ބޭފުޅުންނަށްވެސް އެއަރޕޯޓަށް ދިޔުމަށްވެސް ބަސްތަކެއްވަނީ ޚާއްސަކޮށްފައެވެ.

އެގޮތުން ޙައްޖުވެރީން ގޮވައިގެން މާލޭގެ 6 ސަރަހައްދަކުން އެއަރޕޯޓަށް ދަތުރުކުރާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން 6 ސަރަހައްދެއް އަދި ދެވަނަ ފިޔަވަހީގެ 8 ސަރަހައްދަކަށް ބަސް ހުއްޓާނެއެވެ. މި ސަރަހައްދުތަކަށް 10:30އިން ފެށިގެން ބަސް ދާން ފަށާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބަސް އައުމުގެ 15 މިނެޓު ކުރިން އެތަނުގައި ގޮސްް ތިއްބެވުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ އެއަރޕޯޓަށް ދިއުމަށް ޙައްޖުވެރީންނަށާއި ޙައްޖުވެރީންގެ ޢާއިލާތަކަށް އެހީވުމުގެ ގޮތުން ބަސް ހުއްޓާ ތަންތަނުގައި ވުޒާރާގެ މުވައްޒަފުންނާއި ކެޑޭޓުންނާއި ގާލް ގައިޑުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

ޙައްޖާޖީން މިނާގައި ތިބޭ އިރު ދޭ ކެއުމުގައިވެސް އެހެން އަހަރު ތަކާއި ޚިލާފަށް މިއަހަރު ދިވެހި ރަހަތައް ހިމެނޭނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. މިއަހަރު ރާއްޖޭގެ ހައްޖާޖީންނަށް ހައްޖުގެ އަޅުކަމުގައި އުޅޭއިރުވެސް ގިނަ ފަސޭހަތަކެއް ހައްޖު ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޙައްޖާޖީން ގެއްލޭ މައްސަލަ ހައްލު ކުރުމަށް ޓެރެކިންގ ޑިވައިސް އެއް ކޮންމެ ހައްޖާޖީއެއްގެ އަތަށް ދޭން ވަނީ ހަމަޖެހިފައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހާއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top