ސަރުކާރުން އިޒްރާއިލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެ ނުވެވޭހެން އިޒްރާއިލް ޕާސްޕޯޓް މަނާކޮށްފިއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ނިންމަވައިފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ލަފާފުޅާއި އެކުގައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ސަރުކާރުގެ މި ނިންމެވުން އިޢުލާންކުރެއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާނެވެ.އިޒްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް އިއްޔެ ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ނިންމަވައިފައެވެ.
މީގެ އިތުރުން ފަލަސްޠީނާއި އިޒްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނެއެވެ.
ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމަވައިފައެވެ.






