މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކު ޓީބީ އަށް ޕޮޒިޓިވްވެ އެސްކޫލްގެ އެހެން ދަރިވަރުން ޓީބީ އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ތަޢުލީމީ ވުޒާރާއިން ބުނެފައިވަނީ މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
އެހެންކަމުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮޓޮކޯލާ އެއްގޮތަށް އެ ވުޒާރާއިން ޢަމަލު ކުރަމުން ދާ ކަމަށާއި، ޓީބީއަށް ޕޮޒިޓިވް ވި ދަރިވަރުންގެ ކަންކަން ގާތުން ބަލަމުން ދާ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން މައުލޫމާތު ދިނެވެ.
ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވުމާއެކު އެ ކްލާހުގެ އެހެން ދަރިވަރުން ޓެސްޓު ކުރަން ފަށާ، އަދި، ޓީބީ ޖެހުނު ކުއްޖާއާ ކޮންޓެކްޓު ވެފައި ތިބި މީހުން ދެނެގަނެ ޓެސްޓުކުރާނެ ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.
ޓިއުބަރކިއުލޮސިސް އަކީ މަޔޮބެކްޓީރިއަމް ޓިއުބަރ ކިއުލޮސިސް ނަމަކަށް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޢާންމުކޮށް ޖެހެނީ ފުއްޕާމެޔަށެވެ. ނަމަވެސް ސިކުނޑިއާއި، ކިޑްނީ އަދި މައިބަދަ ފަދަހަށިގަނޑުގެ އެހެން ގުނަވަން ތަކަށްވެސް ޓީބީ ޖެހުމުގެ ފުރުސަތު އޮވެއެވެ.
ދެކުނު އޭޝިޔާ ސަރަހައްދަކީ ޓީބީގެ ކޭސްތައް ފެންމަތިވާ އިންސައްތަ މަތި ސަރަހައްދެކެވެ. އެގޮތުން ޓީބީ ޖެހިފައިވާ މީހުންގެ 40% އަށްވުރެ ގިނަ މީހުން ނިސްބަތްވަނީ މި ސަރަހައްދައްކަން ފާހަގަ ކޮށްލެވެއެވެ. ގައިން ގަޔަށް އަރާ މި ބައްޔަކީ، މަދުން ނަމަވެސް ރާއްޖެއިންވެސް ފެންނަ ބައްޔެކެވެ.
ސަރުކާރުން ވަނީ، 2025އާ ހަމައަށް ރާއްޖެ އިން ޓީބީ ނައްތާލުމަށް އަމާޒު ހިފާފައެވެ.






