ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ ފަރާތްތައް ސަސްޕެންޑް ކުރުމަށް ނިންމައިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ގެޒެޓުކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ޤާނޫނުގެ ދަށުން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ 10،619 ވަޒީފާ ދޭ ފަރާތް އެބަ ތިބި ކަމަށެވެ. އަދި އެ ފަރާތް ތަކުގެ ނަންމަތީ ރަޖިސްޓްރީ ކުރެވިފައި 102،807 ބިދޭސީ މަސައްކަތް ތެރިން އެބަ ތިބި ކަމަށެވެ.
ހަމަމިއާއި އެކު ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1،765،704،400 ރުފިޔާ، ވަޒީފާ ދޭ ފަރާތްތަކުން ދަޢުލަތަށް ނުދައްކާ ހުރިކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.
އެހެންކަމުން، މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ ކުރިން، މި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް އަންގާ، އެ ވުޒާރާއިން ބުނެފައިވަނީ، އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް ޢާންމުކޮށް އިޢުލާނު ކުރާނެ ކަމަށެވެ.
އަދި އެފަރާތްތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ އެ ވުޒާރާގެ ނަންބަރު (1500) އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިލައްވާފައެވެ.






