“ގަހުގެ އާދޭސް” ގެ ނަމުގައި ތިމާވެށީގެ ދުވަހު ޚާއްސަ މައުލޫމާތު ސެޝަން އެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް "ގަހުގެ އާދޭސް" މި ނަމުގައި ޚައްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ތާވަލުކުރެވިފައިވާކަމަށެވެ.
މި ސެޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިމާވެށީގެ ދުވަހު (5 ޖޫން) ގެ ރޭގަނޑުގެ ވަގުތުގައެވެ.
މި ސެޝަންގައި "ޢާންމުތަންތަނުގައި، ޚާއްޞަކޮށް މަގުތަކުގައި ގަސްއިންދުން - އަތްމަތީ ފޮތް" އިފްތިތާޙު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޮތް އިފްތިތާޙު ކުރުމުގެ ޙަރަކާތުގައި މި ފޮތާ ބެހޭގޮތުންނާއި، ޢާންމު ތަންތަނުގަޔާއި، ސްކޫލް ފަދަ ތަންތަނުގެ އިތުރުން މަގުތަކުގައި ގަސްއިންދާ ބެލެހެއްޓުމުގެ މަސައްކަތްކުރާ ފަރާތްތަކަށާއި، ޕޮލިސީ ލެވެލްގައި އެ މަސައްކަތާމެދު އަޅަންޖެހޭ ބައެއް ފިޔަވަޅުތަކުގެ މައްޗަށް ހޭލުންތެރިކުރުމުގެ ގޮތުން މި ފޮތް ލިޔުއްވި ފަރާތް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު (މީމު ޒަވިޔަނި)، ސެޝަންއެއް ނަންގަވައިދެއްވާނެއެވެ.
ހަމަމިއާއި އެކު އެ ދާއިރާގެ ފަންނުވެރިންނާއި، ތަޖުރިބާކާރުން ހިމެނޭ ގޮތަށް ޕެނަލް ޑިސްކަޝަން އެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހާ ދިމާކޮށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ގިނަ ޙަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ތިމާވެށީގެ ދުވަހު 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށަން ރާވާފައިވާއިރު، "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ ދަށުން ކުންޏާއި ވަޞީލަތް މެނޭޖުކުރުމުގެ ޤައުމީ ސިޔާސަތާއި ސްޓްރެޓެޖީ އިފްތިތާހު ކުރަންވެސް ވަނީ ނިންމާފައެވެ. އަދި ޔުނިސެފް އާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ގުޅިގެން، "މަގޭ ސާފު ރާއްޖެ" ގެ ދަށުން "ކްލީން" ޕްރޮގްރާމްގެ ނަމަުގައި ޚާއްސަ ޕްރޮގްރާމެއްވެސް އިފްތިތާޙުކުރެވިގެންދާނެއެވެ.
މި އަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ހިކި ހަނަފަސްކަމުން އަރައިގަނެ ވިލުންވެރިވުމަށް ބިމުގެ އާރޯކަން އަލުން އިއާދަކުރުން." އެވެ. އަދި ބޭނުންކުރުމަށް ނިންމަވާފައިވާ ސްލޯގަންއަކީ "އަޅުގަނޑުމެންގެ ބިން، އަޅުގަނޑުމެންގެ ކުރިމަގު: މިއީ އިޔާދަކުރުވަނިވި ޖީލު" އެވެ.






