Close

އަލްއަޤްޞާ މިނިވަންކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް: ހުކުރު ޚުތުބާ

މަސްޖިދުލް އަޤްޞާ މިނިވަންކުރުމަަށް މަސައްކަތް ކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު” މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ އަލްއަޤްޞާ ވަށައިގެންވަނީ ބަރަކާތްލެއްވިގެންވާ ތަންތަންކަމަށެވެ. އަދި އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް اﷲއަށް އަޅުކަންކުރުމަށް ޓަކައި ބިނާކުރެވުނު ދެވަނަ ގެކޮޅު ކަމަށާއި އަދި އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

“އަލްއަޤްޞާ މިސްކިތް، ޞަހްޔޫނީ އިސްތިޢުމާރުގެ ދަށަށް ދިޔަކަމީ މިއުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމައެއް، އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް” ހުކުރު ޚުތުބާ

ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެ ނޫން ވެސް އަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

މި ހުރިހައި ޖަރީމާތަކެއް ހިންގަމުން އެގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފަށް ކަމަށާއި މި ޢުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ވަނީ ޝަހީދުކޮށްލައިފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތް ކަމަށާއި އަދި އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެތައް ބަޔަކުވަނީ ނުކުޅެދޭ ބަޔަކަށް ވެފައި ކަމަށާއި، މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވައިލާ ކަމަށް ޚުުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާގައި އިތުުރަށް ބުނެފައިވަނީ ބައިތުލްމަޤްދިސާއި، އެ ތަނުގައި ވަށައިގެން ތިބެ އެ ތަންތަނުގެ ދިފާޢުގައި ހެޔޮލަފާ ބަޔަކު ސާބިތުވެ ތިބޭނެ ކަމަށް ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމސް ޙަދީޘް ކުރައްވާފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top