ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނައިބަދަލާއި ގުޅިގެން ދިވެހިންނަށް ވިސާ ލިބުމަށް އޮތް ދަތިކަން ހައްލުކުރުމަށް މަޝްވަރާކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސްރީލަންކާގެ މިނިސްޓަރ އޮސް ޕަބްލިކް ސެކިއުރިޓީ، ޓްރައަން އަލްސްއާ ބައްދަލުކުރައްވާފައި ވާކަމަށާއި އަދި މި ބައްދަލުވުމުގެ ތެރެއިން ވަނީ، ސްރީލަންކާގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން، ދިވެހިންނަށް ދިމާވެފައިވާ އެކި ދަތިތަކާއި، އެ ކަންކަން ޙައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ސްރީލަންކާގެ މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓޫ، ޓްރައަން އަލްސް ވަނީ ވީހާވެސް އަވަހަކަށް ވިސާގެ މައްސަލަ ދިވެހިންނަށ ޙައްލުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމަކީ، ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ. ވިސާ ޕޮލިސީއަށް މިފަހުން ގެނައި ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް ދިމާވާ ވިސާގެ ގޮންޖެހުންތައް ޙައްލުކުރުމަށް ވައުދުވެވަޑައިގެންނެވި ކަމަށްޓަކައި ވަޒީރު މޫސާ ޒަމީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު، ސްރީލަންކާގެ ޚާރިޖީ ވަޒީރު ސަބްރީގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގެ އިތުރުން އެޤައުމުގެ ބޮޑުވަޒީރު، ޑިނޭޝް ގުނަވަރދެނާ އާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި ޑިރެކްޓަރ-ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.






