Close

ރައްޔިތުންނަށް ޚިދްމަތް ކުރުމަކީ ޙިކުމަތްތެރިކަމާއި، ކަމޭހިތުމާއެކު އަދާކުރަންޖެހޭ ޒިންމާއެއް: ނައިބު ރައީސް

ރައްޔިތުންނަށް ޚިދްމަތް ކުރުމަކީ ވަރަށް ޚިކްމަތްތެރިކަމާއި، ވަރަށް ކަމޭހިތުމާއިއެކު އަދާ ކުރަންޖެހޭ ބޮޑު ވަރަށް ބޮޑު ޒިންމާއެއް ކަމަށް ނައިބުރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ “ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2024" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ހުސެއިން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ، ވަރަށް ކެތްތެރިކަމާއި ވަރަށް ޙިކުމަތްތެރިކަމާއި، ވަރަށް ކަމޭހިތުމާއެކު އަދާކުރަންޖެހޭ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

އަދި ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި، ކޮންމެ އޮފީހަކުންވެސް އެއްވެސް ދައްޗެއްނެތި ފަސޭހަކަމާއެކު ޚިދުމަތް ލިބެން ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ކަމަށާއި ޚިދުމަތަކަށް އެދި ސަރުކާރުގެ ގިނަ އިދާރާތަކަށް ދާ ރައްޔިތުން ކޮންމެ ދުވަހަކުވެސް އިސްތިޤްބާލު ކުރަން ތިބޭނީ ސިވިލް ސަރވިސް މުވައްޒަފުން ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

“ރައްޔިތުންގެ އަޑުއަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮށްދޭން، ހަލުވިކޮށްދޭން، މަގު ދައްކަވަން ތިބޭނީވެސް، ހަމަ ސިވިލް ސަރވިސް މުވައްޒަފުން. އެހެންކަމުން، ސަރުކާރެއް ހިންގުމަށް ސިވިލް ސަރވިސް ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ. ސިވިލް ސަރވިސްގެ އެހީތެރިކަމާއި، އިޚްލާޞްތެރި އެއްބާރުލުން ދިވެހި ސަރުކާރަށް ބޭނުންވޭ” ނައިބުރައީސް ހުސެއިން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤައުމީ ޚިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ، ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ހަލުވިކޮށް، ޒަމާނީ ކުރުން ކަމަށާއި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދެއްވަން ހުއްޓުމެއްނެތި ރެޔާއިދުވާލު މަސައްކަތްޕުޅު ކުރެއްވުން ކަމަށް ނައިބުރައީސް ހުސެއިން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޑރ މުޢިއްޒު ފަށްޓަވާފައިވާ ޤައުމީ މަސައްކަތްޕުޅު ކާމިޔާބު ކުރުމުގައި، ދިވެހި ސިވިލް ސަރވިސްއިން ފުރިހަމައަށް ވާގިވެރިވެދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް ނައިބުރައީސް ވިދާޅުވިއެވެ.

”ސްމާރޓް ގަވަރނަންސް ފޯރ ސިވިލް ސަރވިސް އެކްސެލެންސް" މި ތީމުގެ ދަށުން ކުރިއަށްދާ 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގައި ޖުމްލަ 3 ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top