ތައިލެންޑުން ބޭސް އެތެރެކުރުމުގައިި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެ އޮތޯރިޓީން ބުނެފައި ވަނީ ތައިލެންޑުގެ ބޭސް އުފައްދާ އަންނަ ކުންފުންޏެއް ކަމަށްވާ 'ސެވަން ސްޓާސް ފާމަކިއުޓިކަލް' އިން ބޭސް އުފެއްދުމަށް ބޭނުންކޮށްފައިވާ ސޯބިޓަލް (އެކްސްޕިއެންޓެއް)ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާ ކަމަށެވެ.
އެހެންކަމުން ތައިލޭންޑުގެ ބޭސްތައް ރެގިއުލޭޓް ކުރާ އޮތޯރިޓީ، 'ތައި އެފްޑީއޭ' އިން އެ ބޭސްތައް ރިކޯލް ކޮށް އެކަން ވަނީ އެ އެމްއެފްޑީއޭގެ ސަމާލުކަމަށް ގެނެސްފައިކަމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހިއްސާ ކުރި ލިސްޓުގައި ޖުމްލަ 15 ބޭހެއް ހިމެނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ދޭ ބޭސްތައް ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، މިއަދު އެމްއެފްޑީއޭ އިން ބުނީ ތައިލެންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމެއް ކަމަށާއި އަދި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލޭންޑުން ބޭސް އެތެރެކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.






