ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ “ފަލަސްތީނާއި އެކު ދިވެހިން” ޓެލެތޯން ފަށައިގެން ކުރިއަށްއެބަދެއެވެ.
މި ޓެލެތޯން އަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އެދުމުގެ މަތިން ބާއްވާ ޓެލެތޯންއަކެވެެ.
ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިޓެލެތޯން ފަށްޓަވައިދެއްވީ ރައީސް ޑރ މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެސްއެމްއިން މައުލޫމާތު ދީފައިވާ ގޮތުން މި ޓެލެތޯން މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.
މި ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާތޯ ޔަޤީންކުރުމަށް މިނިވަން އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.
ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބެހެއްޓިފައިވެއެވެ. އޭގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ބަހަށްޓާނެއެެވެ.
ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި މިރޭ 10އެއް ޖަހަންދެން ހުޅުވިފައި ހުންނާނެ ކަމަށް ޕީއެސްއެމްއިން މައުލޫމާތު ދީފައިވެއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުންނާއި ގަރލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެ ކަމަށް ވެސް ބުންޏެވެ.
ފަންޑު ފޮށްޓަށް ފައިސާ ހަދިޔާ ކުރުމުގެ އިތުރުން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެހިފައުވާ ކަމަށް ޕީއެސްއެމްއިން ބުނެއެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.






