އަވަށްޓެރި ފުލުހުންގެ ހިދުމަތުގެ ތެރެއިން ގއ. ކަނޑުހުޅުދޫ ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކުރުމުގެ ހަރަކާތެއް އެރަށުގައި ފަށައިފިއެވެ.
މިއަދު ހެނދުނުން ފެށިގެން ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި ހަރަކާތުގެ ތެރެއިން ފުރަތަމަ ބުރުގައި ވަނީ ކަނޑުހުޅުދޫގައި ވިޔަފާރިކުރަމުންދާ ފަސް ތަނަކަށް ޒިޔާރަތްކޮށްފައެވެ.
މި ހަރަކާތަކީ ފުލުހުންނާއި ރަށުގެ ވިޔަފާރިވެރިންނާއި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި މެދު މަޝްވަރާކުރުމުގެ އިތުރުން ކުށްމަދު މުޖުތަމައުއެއް ގާއިމުކުރުމަށް ވިޔަފާރިވެރިންގެ ދައުރުގެ މުހިންމުކަމާއިމެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މިހަރަކާތުގެ ތެރެއިން ކުށަށް އަރައިގަތުމުގެ ކުރިން ކުށްތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި މެދު ލަފާދީ އެކަންކަން ކުރެވޭނެ ފަހިގޮތްތަކަކީ ކޮބައިތޯ ބަލައި، މިހާރުވެސް ކުރެވެންހުރި ކަންކަން ކުރުމަށް ލަފާދީ އެކަންކަން ކުރުމަށް ރަށުގެ ވިޔަފާރިވެރިންނަށް ބާރުއެޅުމުގެ އިތުރުން ވައްކަން ކުރުމަށް މަގުފަހިވާ ކަންކަން ބުނެދީ އެކަންކަމަށް ރައްކާތެރިވުމަށް އިރުޝާދު ދީފައިވެއެވެ.
އަވަށްޓެރި ފުލުހުންގެ ހިދުމަތުގެ ދަށުން ކަނޑުހުޅުދޫގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ހަަރަކާތެއް ފަށާފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ވަނީ ގއ. އަތޮޅުގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފަށާފައެވެ.






