2028 ވަނަ އަހަރުގެ ކުރިން ޗައިނާއިން ދުނިޔޭގެ އިޤްތިޞާދުގައި ރަސްކަން ކުރާނެ ކަމަށާއި، މި ވަގުތު ކުރީގައިވާ އެމެރިކާއަށް ވުރެވެސް ކުރިއަށް ޖެހިލާނެ ކަމަށް ދަ ގާރޑިއަން ނޫސް މަޖައްލާއިން ރިޕޯޓުކޮށްފިއެވެ.
ސެންޓަރ ފޯރ އިކޮނޮމިކްސް އެންޑް ބިޒްނަސް ރިސާރޗްއިން ޑޮލަރުން ހިސާބު ގުނަ ކުރާއިރު، މިހާތަނަށް ދައްކާގޮތުގައި، ޗައިނާއިން އެމެރިކާގެ އިޤްތިޞާދު2028 ވަނަ އަހަރުގެ ކުރިން ވައްޓާލާނެއެވެ. އެއީ މީގެ އަހަރެއް ކުރިން ތަޖުރިބާކާރުން އަންދާޒާކުރި ގޮތަށް ވުރެ 5 އަހަރު އަވަސް މުއްދަތެކެވެ.
193 ޤައުމު ހިމެނޭ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުތަކަށް ބަލާއިރު، އިނގިރޭސިވިލާތުގެ އިޤްތިޞާދު ކުރިއަރުވާ ކޮންސަލްޓެންސީއަކުން ބުނާ ގޮތުގައި، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ހީނަރުވެފައިވާ އިޤްތިޞާދު، ޗައިނާއިން މިހާރު ވަނީ ކޮޅަށް ޖަހާފައެވެ. އަދި،2020 ނިމެންވާއިރަށް އިޤްތިޞާދު2% ކުރިއަށްވެސް ޖައްސާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
މި އަހަރު އެމެރިކާގެ އިޤްތިޞާދު5% ވެއްޓޭނެކަމަށް ބެލެވޭއިރު، މި ބަޔަަށް ވާވަރަށް ޗައިނާއިން އިޤްތިޞާދު މަތު ކުރާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ސީއީބީއާރްގެ ޗެއަރމަން ޑަގްލަސް މެކް ވިލިއަމްސް ވިދާޅުވިގޮތުގައި، އިޤްތިޞާދު ކުރިއަށް ވާނެ ގޮތް ލަފާ ކުރުމުގައި އެންމެ ބޮޑު ޚަބަރެއްގެ ގޮތުގައި ބެލެވެނީ ޗައިނާގެ އިޤްތިޞާދު ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔެވެ. އަދި ކުރިއަށް އޮތް5 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ އިޤްތިޞާދަށް ވުރެ ކުރިއަރާނެ ވާހަކަ އޭނާވެސް ވަނީ ފާހަގަކޮށްފައެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި، އެހެނިހެން އޭޝިޔާގެ ޤައުމުތަކުންވެސް އިޤްތިޞާދު އަންނަނީ ރަނގަޅު ކުރަމުންނެވެ. އަދި މިއީ ހުޅަނގުގެ ޕޮލިސީ ހަދާ ފަރާތްތަކުން ސަމާލުވާންވީ ކަމެއް ކަމުގައި ދެކޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ބަލިމަޑުކަމުގައި ހުޅަނގުގެ ދެ ޤައުމުގެ ދެމެދުގައި އިނގިލި ދިއްކުރުމަށްވުރެ އޭޝިޔާގައި ކަން ހިނގަމުން އަންނަ ގޮތް ބެލުންވެސް މާ ބުއްދިވެރިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސީއީބީއާރުން އިތުރަށް ހާމަ ކުރާ ގޮތުގައި ޗައިނާ ގެ ޖީޑީޕީ2000 ވަނަ އަހަރުން ފެށިގެން ވަނީ3.6% އިން17.8އަށް2019 ވަނަ އަހަރު އިތުރުވެފައެވެ. އަދި މި ޢަދަދު އަންނަނީ އިތުރުވަމުން ކަމަށްވެސް ވަނީ ބުނެފައެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުން ކާރބޮން ޒީރޯ އިޤްތިޞާދަކަށް އަމާޒު ހިފާފައިވާ އިރު، ސީބީއާރުން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ތެޔޮ އަދި ޕެޓްރޯލުގެ އަގު ދާނީ ދަށްވަމުންނެވެ. އަދި2023 ވަނަ އަހަރު، ތެޔޮ ބެރެލްއެއްގެ އަގު30 ޑޮލަރަށް ވުރެ ދަށްވާނެ ކަމަށްވެސް ބެލެވޭ ކަމަށް އެ ކުންފުނިން ވަނީ ޢާންމު ކޮށްފައެވެ.






