Close

މުލީ އެއާޕޯޓް ހަދަން 212 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މ. މުލީގައި އެއާޕޯޓެއް އަޅަން އެމްޓީސީސީ އާ މިއަދު 212 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފި އެވެ. މިއީ އެއްއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކުރި މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ.  އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

މި އެއާޕޯޓްގައި 1،200 މީޓަރުގެ ރަންވޭއެއްގެ އިތުރުން ޓާމިނަލަކާއި  އެއާޕޯޓަށް ބޭނުންވާ އެހެން ވަސީލަތްތައް ގާއިމުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

އެއްބަސްވުމުގައި ސޮއިކުުރުމުގެ ރަސްމިއްޔާތުގައި ނެޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައި ގަޑިއިރު ތެރޭ ކަނޑުމަގުން އެއާޕޯޓަކަށް ދަތުރުކުރެވޭނެ ގޮތް ހަދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ.

މ. އަތޮޅަކީ ދަތުރުފަތުރުގެ ގޮތުން ވަރަށް އެކަހެރިކޮށް އޮންނަ އަތޮޅެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އިތުރު ހަތަރު ރަށެއްގައި އެއާޕޯޓު ހަދަން، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާންކޮށްފައިވާ ކަމަށެވެ. "އޭރުން [އިތުރު ހަތަރު އެއާޕޯޓު ހެދުމުން] އަޅުގަނޑުމެންނަށް ވައިގެ މަގުން ދަތުރުކުރަން ބޭނުންވާ އިންފްރާސްޓްރަކްޗާ މި ދެންނެވި ސިޔާސަތާ އެއްގޮތަށް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ހެދުމުގެ މަސައްކަތް މިހާރު ވެސް އެމްޓީސީސީ އިން ކުރަމުން އެބަގެންދެއެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މި ރަސްމިއްޔާތުގައި ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި މި މަސައްކަތް ނިމޭނެ ކަމަށެވެ. މި މަސައްކަތް އަހަރެއް ތެރޭގައި ނިންމަން އޮތަސް އެއަށް ވުރެ އަވަހަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބުނަމުން މި އަންނަނީ ހިއްކައިގެން ކުރަންޖެހޭ (އެއާޕޯޓްގެ) މަސައްކަތެއް އެއް އަހަރު ދުވަހުގެ ތެރޭގައި އަޅާނަން ކަމަށާއި ހިއްކަން ނުޖެހޭ މަސައްކަތެއް އަށް މަސް ދުވަހުގެ ތެރޭގައި ކުރާނަން ކަމަށް،" އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމުގެ މަސައްކަތުގެ ދަށުން ހއ، ހދ. އަދި ށ. އަތޮޅު ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top