Close

އާސެނަލްއިން ފަހަތުން އަރާ ލެސްޓާ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ލެސްޓާއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން އާސެނަލްއިން މެޗު ކާމިޔާބު ކޮށްފިއެވެ.

ލެސްޓާގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ބެލްޖިއަމް މިޑްފީލްޑަރ ޓެލެމަންސްއެވެ.

ބައިކޮޅަށް ވަތް ލަނޑަށްފަހު މުޅި މެޗުގައި ވެސް އާސެނަލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. މެޗުގައި އާސެނަލްއިން ކާމިޔާބުކުރި ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ބްރެޒިލް ޑިފެންޑަރ ޑޭވިޑް ލުއިޒްއެވެ. ލުއިޒް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ވިލިއަން ލެސްޓާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދިން ތިންމިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް ލަކަޒޭޓްއެވެ. މެޗުގެ ދެ ވަނަ ހާފުގައި އާސެނަލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އައިވަރީކޯސްޓްގެ ފޯވާޑް ނިކޮލަސް ޕޭޕޭއެވެ.

މިވަގުތު އާސެނަލްއޮތީ ޕޮއިންޓް ތާވަލުގެ ދިހަވަނާގައެވެ. އެ ޓީމަށް ލީގުގައި ކުޅުނު 26 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. މެޗުން ބަލިވި ލެސްޓާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top