އައްޑޫ އާއި ފުވައްމުލަކުގެ ކުނި މެނޭޖްކުރުމުގެ ފެސިލިޓީގެ ޙިދްމަތް އަންނަ އަހަރު ފަހުކޮޅު އިފްތިތާޙު ކުރެވޭނެކަމަށް އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވީ ދެކުނުގެ އަތޮޅު ތަކުގެ ކުނި މެނޭޖްކުރުމަށް ސަރުކާރުން ފަށާފައިވާ ކުނި މެނޭޖްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިމި އިފްތިތާހު ކުރެވޭނެކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ނެގޭ ކުނި މެނޭޖް ކުރުމަށްފަހު 1.5 މެގަ ވޮޓް ކަރަންޓް އުފެއްދޭނެ ގޮތް ހަމަޖައްސާފައިވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެައެވެ. އަދި މި މަޝްރޫޢު ނިމުމުން ކުނިން އުފެއްދޭ ކަރަންޓާއި އެކު އައްޑޫގެ ކަރަންޓުގެ އަގު ހެޔޮވެގެންދާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އައްޑޫ އާއި ފުވައްމުލަކު ކުނި މެނޭޖްކުރުމުގެ މަޝްރޫއަކީ 246 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ވޭސްޓު ފެސިލިޓީ ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ ސައުތު ކޮރެއާގެ ލޮޓަސް ކުންފުންޏާއިއެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ހިމެނޭ ގޮތަށް ދެކުނުގެ ސަރަހައްދުގައި އުފެދޭ ކުނި މެނޭޖްކުރުމަށް ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ މަޝްރޫއަކީ 16 މިލިއަން ޑޮލަރު (246 މިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މިއީ ސަރުކާރުން ނަގާ ގްރީން ޓެކްސް ފަންޑުން ހިންގާ ފުރަތަމަ ޕްރޮޖެކްޓެވެ.
2019 ވަނަ އަހަރު އެކުންފުންޏާއި އެކު ސޮއިކުރި ރަސްމިއްޔާތުގައި މި މަޝްރޫއު ނިމޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 2021 ވަނަ އަހަރަށެވެ.
ކުނިން ހަކަތަ އުފެއްދުމަށް މަގު ފަހި ކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.






