Close

ތިމަރަފުށި، ވޭމަންޑޫގެ ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މޭ މަހު ފެށޭނެ: މިނިސްޓަރު

ތ. ތިމަރަފުށި އަދި ވޭމަންޑޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުނި މެނޭޖްކުރާ މަރުކަޒު ގާއިމު ކުރުމާއި، ކުނި ކޮށި އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މޭ މަހު ފެށޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ.

އިއްޔެގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތު އެ ދެރަށުގެ ކުނީގެ މައްސަލަ ހައްލު ކުރުމާ ގުޅޭގޮތުން އެ ދެ ރަށް މަޖިލިސްގައި ތަމްސީލް ކުރަށްވާ މެންބަރު، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވަނީ އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިންއާއި އެ ސުވާލު ކުރަށްވާފަ އެވެ.

''ތިމަރަފުށި އަދި ވޭމަންޑޫގެ ކުނި މެނޭޖުކުރުމުގެ ޢަމަލީ މަސައްކަތް ފެއްޓޭނެ ތާރީޚެއް ވިދާޅުވެދެއްވަފާނަންތޯ؟ މީގެ ކުރިން މަޖިލީހުގައި އިއްޒަތްތެރި މިނިސްޓަރ ވިދާޅުވެފައި އެބައޮތް، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އެ މަސައްކަތް ޢަމަލީ
ގޮތުން ފެށޭނެ ކަމަށް. އެހެންނަމަވެސް، މިހާހިސާބަށް އައިއިރު ވެސް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާތީ، އިތުރު
އާ ޓައިމްލައިނެއް އެބައޮތްތޯ؟ އެއަށް ޖަވާބެއް ދެއްވުން އެދެން.'' ރިޔާޟް ސުވާލު ކުރެއްވިއެވެ.

ރިޔާޟްގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. ޙުސައިން ވިދާޅުވީ، އަމަލު ކުރައްވަމުންދާ ގޮތަކީ ކުރިން ކުނި ކޮށި ހުރިނަމަ، އެ ކުނިކޮށި އަޕްގްރޭޑް ކުރެއްވުން ކަމަށެވެ.

''އަޅުގަނޑު ދަންނަވާނީ، ވޭމަންޑޫއާއި ތިމަރަފުށީގެ ކުނީގެ މަރުކަޒު ގާއިމުކުރުން އަދި އަޕްގްރޭޑުކުރުމުގެ މަސައްކަތް، ކުރިން ދެންނެވިހެން ބައެއް ރަށްރަށުގައި ކުނިކޮށި އަޅާފައި ހުރިއްޔާ، އަޕްގްރޭޑްކުރަނީ. ދެން ނާޅާ ހުރި ރަށްރަށުގައި އަލުން އަޅަނީ. ދެން އަޅުގަނޑުމެންނަށް މިހާރު މި މަސައްކަތް ގޮސްފައި އޮތް ގޮތުން އަޅުގަނޑުމެންނަށް ޕްލޭންކުރެވިފައިވަނީ ތިމަރަފުށި، ވޭމަންޑޫގެ މަސައްކަތް މޭ މަހުގައި ޢަމަލީ ގޮތުން ފަށަން.'' މިނިސްޓަރު ޑރ. ޙުސައިން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ތިމާވެށީގެ ގާނޫނުގެ ދަށުން އަދި ފަންޑުކުރާ ފަރާތުން ވެސް ލާޒިމުކުރާ ގޮތުން މިއިން
ކޮންމެ ތަނެއްގައި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓެއް (އީއައިއޭ) ހަދަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް
މިހާރު ކުރިއަށް ދާކަމަށެވެ.

''އެ މަސައްކަތް ނިމުނީމާ މޭ މަހުގެ ތެރޭގައި ކޮންޓްރެކްޓުކުރެވި އެ މަސައްކަތް ޢަމަލީ ގޮތުން ފަށާނެ.'' މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top