އައްޑޫ ސިޓީގެ ކޮންމެ ރަށެއްގައި މަސްވެރި އޮޑިފަހަރަށް ހާއްސަ ބަނދަރެއް ޤާއިމު ކުރައްވާނެ ކަމަށް، އައްޑޫ ސިޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނައަށް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި އާމްދަނީއަކީ މަސްވެރިކަމުން ލިބިވަޑައިގެންނެވި އާމްދަނީއެއް ކަމަށާއި، މަސްވެރިންނަށް ކުރިއެރުން ހޯދައިދޭން ބޭނުންވެލައްވާ ކަމަށެވެ.
އޭނާވަނީ އައްޑޫގެ ކޮންމެ ރަށެއްގައި މަސްވެރި އޮޑިފަހަރަށް ޚާއްޞަ ބަނދަރެއް ޤާއިމުކުރެއްވުމަށާއި، އަދި އެތަނުން ގިނަ ހިދުމަތްތައް ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި، ކޯލްޑް ސްޓޯރޭޖް ފެސިލިޓީއާއި، މަސްވެރިން ތަކެތި ގަންނާނެ ފިހާރައާއި، ސައި ހޯޓާ، މަސްމާރުކޭޓު އަދި މުނިފޫހިފިލުވާނެ މައިޒާން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ، މިހާރު އައްޑޫއިން އެން ލިބެން ދަތިކަންވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން، ގޭސްފުޅި އަޅައިގެން ވަރަށް އަޑިން އެން ނަގަން ޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން ދަތިވާ ސަބަބު ހޯދުމަށް ހާއްސަ ދިރާސާއެއްވެސް ކުރައްވާނެ ކަމަށެވެ.
އައްޑޫ ސިޓީގެ މޭޔަރު ކަމަށް އިންތިހާބު ވެއްޖެނަމަ ގުޅުން ބަދަހިކުރުމުގެ ގޮތުން މަހަކު އެއް ފަހަރު މަސްވެރިންނާއެކު މަހަށް ވަޑައިގަންނަވަން ވެސް ލަތީފް ވަނީ ވައުދުވެ ވަޑައިގެންފައެވެ.
ލަތީފްގެ މަސްވެރިކަމުގެ ސިޔާސަތުތައް ހާމަކުރުމަށް ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ މަހަށްް ދިޔުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހުންނަ ކަމަށާއި އެގޮތުން މޭޔަރު ކަމަށް އިންތިހާބުވެއްޖެނަމަ ކޮންމެ މަހަކު ވެސް ކޮންމެވެސް އެއް ދޯންޏަކުން މަހަށް ވަޑައިގަންނަވާނެ ކަމަށެވެ.
"މަސްވެރިންނާ ގުޅުން ބަދަހިކުރުމުގެ ގޮތުން ހަމަ ކޮންމެ މަހެއްގެ ވެސް ކޮންމެވެސް އެއް ދުވަހެއްގައި ކޮންމެވެސް އެއް ދޯންޏަކުން މަހަށް ދާނަން މޭޔަރު ކަމަށް އިންތިހާބުވެއްޖެނަމަ" ލަތީފް ވިދާޅުވިއެވެ.
މީގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިންގެ އިހުސާސްތައް ދެނެގަތުމާއި، މަސްވެރިންނާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ލަތީފް ވިދާޅުވިއެވެ.






