ލޯކަލް ކައުންސިލް އިންތިހާބުގައި މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
"މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށް ޑީއެންއާރް އިން ޢިއުލާން ކޮށްފައިވާތީ، ވޯޓު ލުމުގައި އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފައިވާ ކަމަށް ނުބަލާނެ"
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 273128 މީހުންނަށް ލިބިފައިވާއިރު، މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް 18 އަހަރުގެ ފުރޭ އެންމެންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާއްމުކޮށްފައެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސް ޗާޕްކޮށް ނިންމާފައިވާ ކަމަށާއި ވޯޓު ކަރުދާހާއި ވޯޓު ފޮށިތައް އަދި އެހެނިހެން ތަކެތި މިހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ރަށްތަކަށް ފޮނުވާ ނިންމާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ، އަދި މިހާރު ކުރަމުންދަނީ އެކި ރަށްރަށަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާސްތައް ވަކިކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ވޯޓު ފޮށިތައް ތައްޔާރުކުރުމާއި އިދާރީ ގޮތުން ކުރަންޖެހޭ އެހެން ކަންކަން ކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ. އަދި ވޯޓު ފޮށިތައް ބަހައްޓަންވީ ތަންތަން ކަނޑައެޅި ހުރިހާ ކަމެއްވެސް ދަނީ ތާވަލު ކުރެވިފައިވާ ކަމަށެވެ.މިފަހަރުގެ އިންތިޚާބުގައި 735 ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށާއި އެއްވެސް ފޮއްޓަކަށް 600ށް ވުރެ ގިނަ މީހުން ވޯޓު ނުލާނެކަމަށެވެ.
އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ވޯޓުލާން ދިއުމުގެ ހުއްދަ ލިބޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވާ ކަމަށެވެ.ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގހާލަތަށް ގެނެސްފައިވާ ރަށްތަކަށްވެސް ވޯޓުލުމަށް އެރަށެއްގެ ޓާސްކް ފޯސްގެ ހުއްދަ ހޯދައިގެން ދެވޭނެ ކަމަށްވެސް އިލެކްޝަނސް ކޮމިޝަނުން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެއްސުމަށްފަހު ކޮވިޑް19 ގެ ބަލިުމަޑުކަން ކުރިމަތިވުމުގެ ސަބަބުން އިންތިހާބު ވަނީ ފަސްކޮށްފައެވެ، އަދި މިހާރު އޭޕްރިލް10 އަކަށް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.






