މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ދެކުނުގެ ތިން ރަށެއްގެ ދަނޑުތަކުގެ ސަބް ބޭސް މަސައްކަތްކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
މިއަދު ސޮއި ކޮށްފައި ވަނީ ލ.މާމެންދޫ އާއި އައްޑޫ ސިޓީ މަރަދުއާއި ފުވައްމުލަކު ދޫނޑިގަން އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބް ފޭސް އެޅުމުގެ މަސައްކަތެވެ.
ލ.މާމެންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،126،703 (ދެ މިލިއަން އެއްލައްކަ ސައްބީސް ހާސް ހަތްސަތޭކަ ތިން) ރުފިޔާއަށެވެ.
ސ. މަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ 29 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،088،461 (ދެ މިލިއަން އަށްޑިހަ އަށްހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް) ރުފިޔާއަށެވެ. ފުވައްމުލައް ސިޓީ ދޫނޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،305،619 (ދެ މިލިއަން ތިންލައްކަ ފަސްހާސް ހަސަތޭކަ ނަވާރަ) ރުފިޔާއަށެވެ.







