ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިން ޖެެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންކާރު ކުރައްވައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ރޭ 21:40 ހާއިރު ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް މާލެ ގެނައި ކަމަށާއި ނަމަވެސް ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން އިންކާރު ކުރެއްވުމުން މިހާރު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް އިންކާރު ކުރެއްވި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނި ނަމަވެސް މިކަމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ބަހެއް އަދި ނުލިބެ އެވެ.
ރައީސް ޔާމީން މިރޭ މާލެ ގެނައުމަށްފަހު އަނބުރާ ޖަލަށް ގެންގޮސްފައި ވާއިރު އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އާއިލާ އިންނާއި އިދިކޮޅު ޕީޕީއެމް އިން އެދުނުތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލުކުރުމާއިމެދު ސަރުކާރުން ގޮތެއް ނުނިންމަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ކޮވިޑް 19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. މާލެ އަދި ހުޅުމާލެ ޖަލުގައި ތިބޭ ހުރިހާ ގައިދީންނަށް މިޕްރޮގްރާމުގެ ދަށުން މިހާރު ވަނީ ވެކްސިން ދީފަ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން ފެށީ މިމަހުގެ ތިންވަނަ ދުވަހު އެވެ.
ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ އޮކްސްފޯޑް - އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ. އެކަމަކު މިހާރު ޗައިނާގެ ސިނޯފާމްގެ ވެކްސިނާއި ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖެއަށް ގެނެސް އެ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދަނީ ޖަހަމުންނެވެ.






