އަތޮޅުތެރޭގެ ގިނަ ރަށްތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިހާރު އެންމެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮތީ ދެކުނުގެ އެންމެ ބޮޑެތި ރަށްތަކެވެ. ލ.އަތޮޅު ގަމާއި، ފޮނަދޫ، ގދ.ތިނަދޫ، އަދި އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫން ވެސް ވަނީ ކޮވިޑް ބަލި މީހުން ފެނިފައެވެ. މިހުރިހާ ރަށަކަށް ވެސް އަރައި ފޭބުން މަނާކޮށް މިހާރު އޮތީ ފުރަބަންދުކޮށްފައެވެ.
އައްޑޫގައި މިވަގުތު ތިން ކްލަސްޓާއެއް އެބަ އޮތެވެ. ޖުމްލަ 25 މީހުން މިހާރު ބަލި ޖެހިފައި އައްޑުއަތޮޅުގައި ތިބި އިރު އޭގެ ތެރޭގައި ހިމެނެނީ ހުޅުމީދޫ އިން ޕޮޒިޓިވްި 14 މީހަކާއި، ޝަންގްރިއްލާއިން ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހެއްގެ އިތުރުން ހިތަދޫއިން ޕޮޒިޓިވްވި 10 މީހުންނެވެ.
އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ލ.އަތޮޅުންނެވެ. އެއަތޮޅު މާންދޫންނާއި ގަމުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ު301 އަށް އަރައެވެ. ފޮނަދޫން ފައްސިވި އަދަދު 13 އަށް އަރައެވެ.
ތިނަދޫން ފައްސިވި މީހުންގެ އަދަދު މިހާރު 38 އަށް އަރައެވެ. އެރަށުގައި ކާފިއު ހިންގަން މިހާރު ވަނީ ނިންމާފައެވެ.
ދެކުނުގެ ބޮޑެތި ރަށްތަކުން ކޮވިޑް ޕޮޒިޓިވް މީހުން ފެންނަމުން ދިއުމަކީ އިތުރު ރަށްތަކަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ސަބަބެކެވެ. އެރަށްތަކަށް އާއްމު ގޮތެއްގައި ވަރަށް ގިނަ ބަޔަކު އެކި ބޭނުންތަކުގައި ޒިޔާރަތް ކުރެއެވެ.







