ބޮޑު ޚިޔާނާތުގެ ލިސްޓްގައި ހިމެނޭ ބައެއް މިހުންނާ ސުވާލެއްވެސް ނުކޮށް، އެމީހުންގެ ނަމާއެކު ލިސްޓެއް މަޖިލީހަށް ފޮނުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރކަން ވެސް ކުރަށްވާފައި ރިޔާޒް މިހެން ވިދާޅުވީ، "ލިސްޓްގައި ނަން އޮތް އެންމެންނަކީ ތުހުމަތު ކުރެވޭ މީހުންކަމަށް ނުނިންމަވާކަމަށް" އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އައްސަދު ވިދާޅުވިކަމަށް އޮންލައިން ނޫހަކުން ގެނެސްދިން ޚަބަރަކަށް އިޝާރާތްކުރަށްވަމުން. ކުރެއްވި ޓްވީޓެއްގަ އެވެ.
ރިޔާޟަކީ މަޖިލީހުގެ241 ކޮމިޓީގެ މެންބަރެކެވެ. ހިޔާނާތު ރިޕޯޓް ފާސްކުރީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި، 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއަކުންނެވެ.
އެކޮމެޓީގެ ފަހު ބައްދަލުވުމުގައި ވެސް ރިޔާޟްވަނީ ލިސްޓްގައި ހިމެނޭ މީހުންނާ ސުވާލެއްވެސް ނުކޮށް، ތަހުގީގެއް ނުހިންގާ އެ މީހުންގެ ނަންތައް ހާމަކުރުމަކީ އިންސާފްވެރި ގޮތެއްތޯ ސުވާލު އުފައްދަވާފަ އެވެ.
ރިޔާޟް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމުގައި އެސެޓް ރިކަވަރީ ކޮމިޝަނުން އަމަލުކުރެއްވި ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރަށްވާފަ އެވެ.
"ތުހުމަތު ކުރާކަން ނުވަތަ ޕާސަންސް އޮފް އިންޓަރެސްޓްކަން އެންގުމެއްނެތި އަދި ލިސްޓުގަ ތިބި ބައެއް ފަރާތްތަކާ އެއްވެސް ސުވާލެއްކުރުމެއްނެތި އެފަރާތްތަކުގެ ނަން ހިމަނައިގެން ލިސްޓެއް މަޖިލިހަށް ފޮނުވުމަކީ ، އެސެޓް ރިކަވަރީ ކޮމިޝަނުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެއްވި ކަމެއް"
ރިޔާޟް ވިދާޅުވިއެވެ.
ތުހުމަތު ކުރާކަން ނުވަތަ ޕާސަންސް އޮފް އިންޓަރެސްޓްކަން އެންގުމެއްނެތި އަދި ލިސްޓުގަ ތިބި ބައެއް ފަރާތްތަކާ އެއްވެސް ސުވާލެއްކުރުމެއްނެތި އެފަރާތްތަކުގެ ނަން ހިމަނައިގެން ލިސްޓެއް މަޖިލިހަށް ފޮނުވުމަކީ @PComCAR އިން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެއްވި ކަމެއް. https://t.co/09Z0DA4sST
— Abdulla Riyaz MP (@riyazabdulla) May 13, 2021
ރިޔާޟް މިހެން ވިދާޅުވެފަވާއިރު، އެ ލިސްޓްގައި ހިމެނޭ ގިނަބަޔަކު ވެސް ދަނީ އެކަން ފާހަގަކޮށް ނުރުހުން ފާޅުކުރަމުންނެވެ.






