Close

ޓީވީއެމް އިން ވިލިނގިލީ ރައްޔިތުންނަށް “ގަންބަނަ ބުދާ” އޭކިޔާ ފުރައްސާރަކުރުމުން ރުޅިގަދަވެއްޖެ

ޓީވީ މޯލްޑިވްސްއިން ފޮނުވި 960 ޕްރޮގްރާމްގައި ވިލިނގިލީ ރައްޔިތުންނަށް ފުރައްސާރަކޮށް “ގަންބަނަ ބުދާ” މި ބަސް ބޭނުންކުރި މައްސަލަބޮޑުވެ އެރަށުރައްޔިތުން ރުޅިގަދަވެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިކަމުގެ ބަދަލު ދިނުމަށްގޮވާލާ ގއ. ވިލިނގިލީ ކައުންސިލުންވެސް ވަނީ އެކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ ނޫސްބަޔާނެއްވެސް ނެރެފައެވެ.

އެނޫސް ބަޔާނުގައި ބުނެފައިވަނީ، ދައުލަތު މީޑިއާއެއް ކަމުގައިވާ ޕަބްލިކް ސަރވިސް މީޑިއާއިން ހިންގާ ޓީވީ މޯލްޑިވްސް އިން ފޮނުވި 960 ޕްރޮގްރާމްގައި ޕްރެޒެންޓަރު ކޮށްފައިވާ ފުރައްސާރައިގެ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިކަމުގެ ބަދަލު ޓީވީ މޯލްޑިސްއިން ވިލިނގިލީގެ ރައްޔިތުންނަށް ދިނުމަށެވެ.

"ރައްޔިތުންނާ ކުރިމަތިވަމުންދާ ފުރައްސާރައާއި ދިމާކުރުމާއި މަލާމާތާއި ރައްޔިތުންނަށް ކުރަމުންދާ ނަފްސާނީ ނޭދެވޭ އަސަރުތަކުގެ ޒިންމާ ނަންގަވައި ވިލިނގިލީ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ގޮވާލަން"

މިއަދު އެ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިފަދަ އެހެން ޕްރޮގްރާމެއްގައި އެހެން ރަށެއްގެ ރައްޔިތުންނަށް މިބާވަތުގެ ބަހަކުން ފުރައްސާރަކޮށް ދިމާކުރުމުގެ ކުރިން ތަޙްޤީޤީ އިދާރާތަކުން މި މައްސަލަ ބަލައި ތަޙްޤީޤުކޮށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އަދި މި މައްސަލާގައި ޓީވީ މޯލްޑިވްސްއާއި ކަމާއިބެހޭ މުއައްސަސާތަކުން ޢަމަލުކުރާ ގޮތެއްގެ މައްޗަށް އިތުރު ފިޔަވަޅެއް އަޅަންޖެހިއްޖެ ނަމަ އެފަދަ ފިޔަވަޅެއް އެޅުމަށް އެކައުންސިލުން ފަސްނުޖެހޭނެ ވާހަކަވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީމޯލްޑިވްސް އިން ފޮނުވި 960 ޕްރޮގްރާމްގައި ޕްރޮގްރާމް ހުށަހަޅައިދިން ފަރާތުން ބައިވެރިންނާ ކުރި ސުވާލެއްގައި ގއ. ވިލިނގިލީ މިހުން “ގަންބަނަ ބުދާ” ކިޔަނީ ކޯއްޗަކަށް ތޯ ސުވާލު ކުރައްވައި އެއީ “ދާނި” ކަމަށް ބައިވެރިޔަކު ބުނުމުން ޖަވާބު ރަނގަޅުކަމުގައި ޕްރެޒެންޓަރު ބުނެފައިވެއެވެ.

އެއީ ވިލިނގިލީ މީހުން އެއްވެސް ދުވަސްވަރަކު ބޭނުންކުރި ބަހަކަށް ނުވެފައި، ޖެއްސުން ކުރުމާއި ދިމާކުރުމުގެ ގޮތުން ބަޔަކު އަމިއްލައަށް އުފައްދައިގެން ކިޔާ އެއްޗަކަށް ވާތީ ދައުލަތުގެ މީޑިއާއަކުން އެތައް ބަޔަކު ބަލަމުން ދިޔަ ޕްރޮގްރާމެއްގައި މިސުވާލު ކުރުމަކީ ވިލިނގިލީގެ ރައްޔިތުންނަށް ފުރައްސާރަކޮށް، ރައްޔިތުންނާ ދިމާކޮށް، މަލާމާތްކުރުން ކަމަށް ކައުންސިލުގެ ނޫސްބަޔާނުގައި ހާމަކޮށްފައިވެއެވެ.

"ރައްޔިތުންގެ ކަރާމާތަށް އުނިކަން އަންނާނޭ ފަދައިން ޓީވީ މޯލްޑިވްސްއިން ހިންގާފައިވާ ވަރަށް ނޭއްގާނީ ޢަމަލެއް ކަމުގައިވާތީ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން"

އެނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ޕްރޮގްރާމަށް ފަހު ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް މީސް މީޑިއާތަކުގައި އެޕްރޮގްރާމްގެ ވީޑިއޯ ފޮނުވައި ފުރައްސާރަ ކުރުމާއި، ދިމާކުރުމާއި، މަލާމާތްކުރުމުގެ އޮއިވަރެއް ހިނގަމުންދާކަމަށް އެ ނޫސްބަޔާނުގައި ވެއެވެ. ވިލިނގިލީގެ ރައްޔިތުންނާއި ކުޑަކުދިންނަށް މިކަމުގެ ނޭދެވޭ އަސަރުކޮށް ނަފްސާނީގޮތުން އެތައްބަޔަކަށް ގެއްލުންތައް ލިބެމުންދާކަމުގެ ޝަކުވާ ވިލިނގިލީގެ ރައްޔިތުންނާއި ރާއްޖޭގެ އެކި ހިސާބުތަކުން އެކައުންސިލަށް ލިބެމުންދާކަމަށްވެސް ބުނެފައިވެއެވެ.

ޓީވީއެމްގެ މިޕްރޮގްރާމްގައި “ގަންބަނަ ބުދާ” މިބަސް ބޭނުން ކުރުމުން އެރަށު ރައްޔިތުން އަންނަނީ މީސްމީޑީޔާގައިވެސް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެގޮތުން ޒުވާނަކު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ބުނެފައިވަނީ، މިއީ އެއްވެސް އަސްލެއް ނެތް ބުހުތާނެއްކަމަށެވެ. ބަހަވީ ގޮތުން ބަލާލާ އިރު ގއ.ވިލިނިގިލީ ބަހުރުވައިން އެއްޗެއް ދިޔާއެއްޗަކަށް ގެނބުމަށް ކިޔަނީ 'ގަބަންނު' ނުވަތަ 'ގަބައިގެން' މިހެންކަމަށް ބުނެފައިވެއެވެ. އެހެން ކަމަށް ވާނަމަ ވަޅު ދާންޏަށް 'ގަންބަނެ ބުދާ" މިހެން ވިލިނގިލި ބަހުރުވައިން ނުކިޔޭނެކަމަށާއި ކިޔާނަމަ ކިޔަން ޖެހޭނީ 'ގަބަނެ ބުދާ' އެހެންކަމަށެވެ.

"އަޅުގަނޑު ގެ ހަނދާން ހުންނަ އިރުއްސުރެން އަދި ރަށުގެ ހަރު މީހުންވެސް އަބަދުވެސް ވަޅު ދާންޏަށް ކިޔަމުން އައީ 'ދާނިޔާ' މިހެން."

މީސްމީޑިޔާގައި އެރަށު މީހަކު ބުނެފައިވެއެވެ.

އެރަށު މީހާވަނީ އެއިނާގެ މިޕޯސްޓްއަށްފަހު ނޯޓެއްވެސް ހިމަނާ މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއްވެސް ހިއްސާކުރައްވާފަ އެވެ.

އެނޯޓްގައި ބުނެފައިވަނީ، "ބުނެވޭ ގޮތުގައި މިބަހަކީ، 1962 ގައި ގދ.ތިނަދޫ ބަޢާވާތަށް ފަހު ތިނަދޫ ބައެއް އާއިލާތައް ވިލިނގިއްޔަށް ހިޖުޖުރަ ކުރި ކުރުމުގެ ތެރޭގައި އުފެދިގެން އައިބަހެކެވެ. މިކަމަށް އެންމެ ބޮޑަށް ބާރު ލިބެނީ ގދ.ތިނަދޫ ބަހުރުވައިން އެއްޗެއް ދިޔާ އެއްޗަކަށް ގެނބުމަށް ކިޔަނީ 'ގަންބަންނު'. އެހެން ކަމުން މިބަހަކީ މީ ތިނަދޫ ބަހުރުވައިގެ ތެރެއިން އައި ބަހެއް ކަމަށް ބުރަވެވޭ." ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޗެނެލްއަކުން މިވަރުގެ ވާހަކައެއް ފަތުރާއިރު ކަމުގެ ހަޤީގަތް ބަލާލުން މުހިއްމުކަމަށް ދެކެން. ޕްރޮޑިއުސަރ އަށް އިވުނު ތޯތޯ ވާހަކައެއްގެ މައްޗަށް ބިނާކޮށް މިކަހަލަ އެކަޑެމިކް ޕްރޮގްރާމް ތަކުގައި މިފަދަ ސުވާލެއް ހުށަހެޅުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް. ވިލިނގިލީ ރައްޔިތުންގެ ކިބައިން ވަގުތުން ވަގުތަށް މަޢާފަށް އެދެން ޖެހޭ.

އެއިނާގެ ޕޯސްޓް ނިންމާލަމުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top