ހައްލެއް ނުލިބި ދަރިވަރުން އާދޭސް ކުރަމުންދާ އައްޑޫ ފްލައިން ސްކޫލް ނޫން އެހެން ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް، އެތަނުގައި ކިޔަވަމުންދާ ދަރިވަރުން ނިންމައިފިއެވެ.
އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލަކީ ކުދިބަޔަކަށް ކިޔަވައިދިނުމުގެ އެއްވެސް ގާބިލްކަމެއްނެތް ސްކޫލެއް ކަމަށް އެތަނުގެ ދަރިވަރުން ބުނާތާ އެތައް ދުވަހެއް ވެއްޖެއެވެ.
އޭޝިޔަން އެކަޑަމީ އޮފް އޭރޮނޮޓިކްސް (އޭއޭއޭ) އިން ހިންގާ އެ ސްކޫލުން ދަރިވަރުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާއިރު، ދަރިވަރުންގެ އުދާސްތަކަށް ހައްލެއް ކިރިޔާވެސް ލިބުމުގެ ކޮޅުމަތި ފެނުނީ އެ ދަރިވަރުން ދޫ ނުދީ ކުރި މަސައްކަތުންނެވެ.
އެތަނުގައި ފުނިޖެހިފައި ހުރި ކަންކަން ހައްލުކުރަން އެކުދީން ވަކާލާތުކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ދޯހަޅި ފްލައިން ސްކޫލާމެދު ފިޔަވަޅުއެޅުން ދިޔައީ ފަހަތު ފަޔަށް ބުރަވަމުންނެވެ.
އައްޑޫ ފްލައިން ސްކޫލް ހިންގާ އޭއޭއޭ ކުންފުނި ބޭރުކުރުމަށް ދަރިވަރުން ސަރުކާރަށް ގޮވާލާފަވާއިރު، އެ ފްލައިން ސްކޫލްގައި މިހާރުވެސް 180 އާއި 170 އާ ދެމެދުގެ އަދަދެއްގެ ދަރިވަރުން އެބަތިއްބެވެ.
އެ ސްކޫލްގައި މިހާރު ދުއްވާނެ އެއަރކްރާފްޓެއްހާ ހިސާބުވެސް ނެތްއިރު، އެތަނުގައި މަސައްކަތް ކުރަމުންދިޔަ 14 އިންޖިނިއަރުންނާއި، ޓެކްނީޝަނުން މަގާމުތަކުން އިސްތިއުފާ ދިނުމަށްފަހު މިހާރު ރާއްޖެއިންވެސް ފުރައިގެން ގޮސްފައެވެ. އަދި އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް ފުލް މުސާރަ ނުދޭތާވެސް އެތައްމަހެއް ވެފައިވުމުން، އެމީހުންވެސް ފްލައިން ސްކޫލް ދޫކޮށް ގޮސްދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.







