ކޮވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން ގދ. ގައްދޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
އެރަށު ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގައްދޫއިން ނެގުނު ރޭންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން 2021 މެއި 26 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަށް ވަރުގަދަކޮށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ގައްދޫ ރެސްޓޯރަންޓްތައް ބަންދުކޮށް ހަމައެކަނި ޑެލިވަރީ ޚިދުމަތް ދިނުމަށް ކައުންސިލުން ވަނީ އަންގައިފައެވެ. އަދި ފިހާރަތަކުން އެއްފަހަރާ 1 މީހުންނަށް ވުރެ ގިނައިން ހިދުމަތް ދިނުންވެސް ހުއްޓާލަން ވަނީ އަންގައިފައެވެ. އަދި އިތުރު ފިޔަވަޅުތަކެއް އެރަށުގައި އަޅާފައިވެއެވެ.
ގައްދޫ ކައުންސިލުން ބުނެފައިވަނީ މިހާރު އެޅިފައިވާ ފިޔަވަޅުތަކާއި ހިލާފުވާ މީހުން ޖޫރިމަނާކުރަމުން ގެންދާނެ ކަމަށެވެ.
ގައްދޫ ކައުންސިލުން ވަނީ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންވެސް ވީހާވެސް ގިނަ ވަގުތު ގޭގައި ތިއްބެވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ޟަޒޫރީ ކަމެއްގައި ނޫނީ ބޭރަށް ނުދިއުމަށާއި ބޭރަށް ދާނަމަ މާސްކު އެޅުމަށް އިލްތިމާސް ކޮށްފައި ވެއެވެ.






