އައްޑޫ ސިޓީގެ މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް މިއަހަރުގެ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ވަނީ ހިމަނާފައެވެ. އެގޮތުން އެއެއްބަސްވުމުގެ ދަށުން، ޕީއެސްއައިޕީގެ ބަޖެޓުގައި ހިމެނޭ 300،000 (ތިން ލައްކަ ރުފިޔާ) ހިމެނޭގޮތަށް މިނިސްޓްރީއިން ޕްލޭން ކޮށްފައިވާ ގޮތަށް މަތިކިޅި ސަރަހައްދު ހިންގައި، ބަލަހައްޓާ އަދި ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫގެ މޭޔަރު އަލީ ނިޒާރެވެ.
މިއަދު މިއެއްބަސްވުމުގެ ދަށުން މަތިކިޅި ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭނަށް ބޭނުންވާ އިކޯޓޫރިޒަމް އަދި އިކޯގާޑަން ކޮންސެޕްޓް ޑިޒައިން ތައްޔާރުކުރުމާއި މަތިކިޅި ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭން ޑްރާފްޓް ކުރުމާއި، ރީސްޓޮރޭޝަންއަށް ބޭނުންވާ ގޮތަށް، އެސަރަހައްދުގައި "އިންވޭސިވް ސްޕީޝީސް" އެއް ގޮތަށް ފެތުރެމުންދާ “ކާފަރު ބުރު”ސާފުކުރުމާއި، މިސަރަހައްދު މެނޭޖްކުރުމަށްބޭނުންވާ ޓޫލްސް ގަނެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިއެއްބަސްވުމުގެ ދަށުން މަތިކިޅީގައި ކުރުމަށް ރޭވިފައިވާ ރިސްޓޮރޭޝަންގެ މަސައްކަތްތަކަކީ މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމުގައިވާ
"މާހައުލީ ނިޒާމުތައް އިޔާދަކުރުން" މިޝިއާރާއި ގުޅުންހުރި މަސައްކަތްތަކެވެ. މީހުން ދިރިއުޅޭގިނަރަށްރަށުގައި ހުރި ބައެއް ކުޅިފާ، ޗަސްބިން ސަރަހައްދުތަކަކީ ކޮންމެވެސްވަރެއްގެ ރިސްޓޮރޭޝަންއެއް ނުވަތަ ރީހެބިލިޓޭޝަން އެއް ބޭނުންވާސަރަހައްދުތަކެކެވެ.
އެސަރަހައްދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 2020ވަނަ އަހަރުގެ ސެޕްޓެންބަރު 22ވަނަ ދުވަހު ހިމާޔަތްކޮށްފައިވާ ޗަސްބިން ސަރަހައްދެކެވެ. އެސަރަހައްދަކީ ބޮޑު ޗަސްބިމުގެ ސަރަހައްދެއްކަމުން، ރަށަށް ވެހޭ ވާރޭ މިސަރަހައްދަށް ފަސޭހަކަމާއެކު ހިނދިގެން ދެއެވެ. އެހެންކަމުން، އެސަރަހައްދަކީ އައްޑޫގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމުގެ ދައުރު އަދާކުރާމުހިއްމު ސަރަހައްދެކެވެ. އެސަރަހައްދުގައިވާ ގަސްގަހާގެއްސަށް ބަލާލާއިރު، ގިނައަދަދަކަށް ހެދިފައިވަނީ ’ކާފަރުބުރު‘ ނަމަކަށް ކިޔާ ވިނައިގެ ބާވަތެކެވެ. މީގެއިތުރުން ބޯކަށިކެޔޮ، ކަށިކެޔޮ، ދިއްގާ އަދި ރުއް ގިނަ އަދަދަކަށް އެ ސަރަހައްދުގައި ހެދިފައިވެއެވެ. އަދި އެސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ގިނަ އަދަދެއްގެ ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަހައްދެއްވެސް މެއެވެ.
މަތިކިޅިއަކީ އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫގެ މެދަށްވާ ގޮތަށް އޮންނަ ކުޅިއެކެވެ.






